އެއްފަހަރާ ހަތަރު ފޯނުން ވަޓްސްއެޕްގެ އެއް އެކައުންޓަކަށް ލޮގިން ވެވޭގޮތް ހަދައިފި
އެއްފަހަރާ ހަތަރު ފޯނުން ވަޓްސްއެޕްގެ އެއް އެކައުންޓަކަށް ލޮގިން ވެވޭގޮތް ހަދައިފި

ވަޓްސްއެޕްގެ މަލްޓި-ޑިވައިސް ލޮގިން ސަޕޯޓުގެ ދަށުން އެއް ފޯނަށްވުރެ ގިނަ ފޯނުން އެއް އެކައުންޓަކަށް ލޮގިން ވެވޭ ގޮތް ހަދައިފި އެވެ.

ވަޓްސްއެޕްގެ މައި ކުންފުނި "މެޓަ" ގެ ސީއީއޯ މާކް ޒަކަބާގް ވަނީ އިއްޔެ އެކަން ފޭސްބުކާއި އިންސްޓަގްރާމުގައި އިއުލާނުކޮށްފަ އެވެ.

"މިއަދުން ފެށިގެން... އެއް ވަޓްސްއެޕް އެކައުންޓަކަށް އެއްފަހަރާ ހަތަރު ފޯނުން ލޮގިން ވެވޭނެ،" ޒަކަބާގް ބުންޏެވެ.

ވަޓްސްއެޕުން ބުނީ ކުރިއަށް ހުރި ހަފްތާތަކުގައި މި ފީޗާސް ދުނިޔޭގެ ހުރިހާ ދިމާލަކަށް ރޯލުކުރާނެ ކަމަށެވެ.

މީގެ ކުރިން، ވަޓްސްއެޕްގެ އެއް އެކައުންޓަށް އެންމެ ފޯނަކުން ލޮގިން ވެވޭއިރު، ކޮމްޕިއުޓަރު ސިސްޓަމުތަކުން އެއްފަހަރާ އަބަދުވެސް ލޮގިން ވެވޭނެ އެވެ.

އަލަށް ތައާރަފްކުރި މި ރޯލްއައުޓާ އެކު ޔޫސާއިންގެ މެސެޖުތައް، ފޯނުތައް ހިމެނޭހެން އެއް ޑިވައިސް އަނެއް ޑިވައިސްއާ ހުންނާނީ ސިންކުކޮށްފަ އެވެ. އެހެންވެ، އެއް ޑިވައިސް ބޭނުން ނުކުރެވޭ ގޮތް ވިޔަސް، އަނެއް ފޯނުން އެޕު ބޭނުންކުރެވޭނެ އެވެ.

ވަޓްސްއެޕަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް މެސެޖިން ހިދުމަތެވެ. އެ އެޕް ބޭނުންކުރާ ދެ ބިލިއަނަށް ވުރެ ގިނަ ޔޫސާއިން އެބަތިއްބެވެ. މިހާތަނަށް އެ އެޕުން މަދުވެފައި އޮތީ އެއްފަހަރާ ގިނަ ފޯނުތަކުން އެޕް ބޭނުންކުރެވޭނެ ހިދުމަތެވެ.