24 ޖެނުއަރީ 2017 - 11:40

އެމްޓީސީސީ އިން ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ފިޓްނަސް ޕްރޮގްރާމް ނިންމާލައިފި އެވެ.
އެމްޓީސީސީގެ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ޓީއެފްޖީއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ ކުންފުނީގެ 10 މުވައްޒަފުން ބައިވެރިވި އެވެ.
އެ ކުންފުނީގެ ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓްގެ އެގްޒެކެޓިވް އަބްދުﷲ ފާއިދު ވިދާޅުވި ގޮތުގައި ފަސް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމާއި އެކަމަށް އަހުލިވެރިކޮށް، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުމަށް ހިންގި ޕްރޮގްރާމެކެވެ.
"މިއީ އަދި ފެށުމެއް. ދުޅަހެޔޮ ކަމާ ގުޅުން ހުރި މިފަދަ އިތުރު ހަރަކާތްތައް މިއަހަރު ތެރޭގައި ކުރިއަށް ގެންދަން ރާވާފައި ވާނެ. އެގޮތުން، މިއަހަރުގެ ލޯންގް ރަން ގައި ވެސް އެމްޓީސީސީގެ އިސްވެރިން ބައިވެރިވާނެ،" އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ޓީއެފްޖީގެ ސީއީއޯ ހުސެން ޒިނާން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ވެފައި ވަނީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށެވެ.
އޭނާ ވިދާޅުވީ ގޮތުގައި އެމްޓީސީސީގެ މި އިސްނެގުން ނަމޫނާއަަކަށް ބަލައި، އެހެން މުއައްސަސާތަކަށް ވެސް މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
އެމްޓީސީސީގެ މި ޕްރޮގްރާމްގައި ބައިވެރިވި މުވައްޒަފުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކުރި މުވައްޒަފަށް ޓީއެފްޖީ އިން ތިން މަހުގެ ހިލޭ މެމްބާޝިޕް ދީފައިވާ އިރު ދެވަނައަށް ހޮވުނު ދެ މުވައްޒަފަށް އެއް މަހުގެ މެމްބާޝިޕް ދީފައިވެ އެވެ.