26 އެޕްރީލް 2023 - 11:27

ރެޔަކީ ނަޒީރު ޝިހާމް (ކާއްޓޭ) އަދި ހުސެއިން ސާދު (މަޓޭ) ފުރަތަމަ ފަހަރަށް އެކްޓުކުރި ފީޗާ ފިލްމުގެ ޕްރިމިއާ ނައިޓެވެ. އެކަމަކު ފިލްމު އެއްކޮށް އެޅުވޭ ގޮތް ނުވެ ދިމާވީ ދެރަ ގޮތެކެވެ. މި މާޔޫސްކަމުގައި ބެލުންތެރިން ތިއްބަސް އޮލިމްޕަސް ސިނަމާގައި ފުރަތަމަ ފަހަރަށް 7.1 ޑޮލްބީ ސައުންޑު ފިލްމަކުން ތަޖުރިބާކުރުމުގެ ފުރުސަތު ރޭ ލިބުނެވެ.

"ޕާޓިކަލްސް ސްޓޫޑިއޯ"، "ދަ ސްޓޫޑިއޯ" އަދި "ވާންޗޯ އެންޓަޓެއިންމެންޓް" ގެ އެ އުފެއްދުން ބަލަން ފުރަތަމަ ޝޯ އަށް ގިނަބަޔަކު ދިޔަ އެވެ. ޝޯ އަޅުވަން ހަމަޖެހިފައި އޮތީ 9:00 ގައި ނަމަވެސް ފަށާ ގަޑި ވެސް ޖެހުނީ ފަސްކުރާށެވެ.
ޝޯގެ ކުރިން ފިލްމުގެ ކާސްޓް، ކާއްޓޭ އާއި މަޓޭ އަދި ސިފައިިންގެ ޑްރާމާތަކުން މަޝްހޫރުވި މުހައްމަދު ސައީދު ސްޓޭޖުމަތިން ބެލުންތެރިންނާ ބައްދަލުކޮށް ފިލްމު އެޅުވުން ލަސްވުމުގެ ސަބަބުން ވަނީ މާފަށް އެދިފަ އެވެ. އަދި ލަސްވާން ދިމާވި ސަބަބު ކިޔައިދިނެވެ.
"މި ފިލްމަކީ 7.1 ސައުންޑް ބޭނުންކުރާ ފުރަތަމަ ދިވެހި ފިލްމު. އެ ކޮލިޓީގައި އަޅުގަނޑުމެން ގެނައި ފައިލް، ޕްރިމިއާ ކުރުމުގެ ތެރެއިން އެރާއެއް އެރީ. މި މައްސަލަ ހައްލުކުރަމުން ދަނީ. ވީ އެންމެ އަވަހަކަށް ފިލްމު އަޅުވާނަން." ކާއްޓޭ ބުންޏެވެ.
އޮލިމްޕަހަށް ގެނައި ޒަމާނީ ބަދަލުތަކާ އެކު، އެ ތަނުގެ ތިއޭޓަރުގައި ހަރުކޮށްފައިވާ 7.1 ޑޮލްބީ ސައުންޑް ސިސްޓަމުގެ ފުރިހަމަ ބޭނުމެއް ނުހިފަ އެވެ. އެ ސިސްޓަމަކީ އާންމުކޮށް ސްކްރީނާ ދިމާލުގެ ސްޕީކަރަކުން އަޑު އައުމުގެ ބަދަލުގައި، އޯޑިއަންސްގެ ވަށައިގެން ހުރި ސްޕީކަރުތަކުން އަޑު ދައުރުވާ ގޮތަށް އަޑު އިވުމެވެ.
"..ވަރަށް ބޮޑަށް މާފުކުރޭ... އަޅުގަނޑުމެންނަށް އޮލިމްޕަސް އާ. މި މަސައްކަތް ވެސް އާ. އަޅުގަނޑުމެން އަޅުވަން އުޅުނު ގޮތް އޮލިމްޕަހަށް ވެސް އާ. އަޅުގަނޑުމެން އަޅުވަން އުޅުނީ މަޝްހޫރު ބޮޑެތި ސިނަމާތަކުގައި ވެސް ތަޖުރިބާކުރާ ފިލްމުތަކުގެ ފެންވަރަށް 7.1 ޑޮލްބީ ސައުންޑުގައި،" ކާއްޓޭ ބުންޏެވެ.
އަސްލު ފަށަން އޮތް ގަޑީގެ ގާތްގަނޑަކަށް ދޮޅުގަޑިއެއް ހާއިރު ފަހުން، ފިލްމު އަޅުވައި، އިންޓަވަލްގެ ކުރީގެ މަންޒަރުތައް ވަނީ ދައްކާލައިފަ އެވެ. އޭރު ގަޑިން 11:30 ވެއްޖެ އެވެ. އެހެންވެ ފިލްމުގެ ބާކީއޮތްބައި އަޅުވަން ނިންމީ، މިރޭ 7:45 ގަ އެވެ.
ރޭގެ ޝޯއަށް ދިޔަ ހުރިހާ އެންމެންނަށް މިރޭގެ 7:45 ގެ ޝޯއަށް ހިލޭ ވަދެވޭނެ އެވެ. އަދި ރޭގެ ޝޯއަށް ޓިކެޓު ގަނެފައިވާ ނަމަ ރިފަންޑު ވެސް ދޭން ފިލްމުގެ ޓީމުން ވަނީ ނިންމައިފަ އެވެ.
މި ނިންމުމާ އެކު، މިރޭ އެ ފިލްމުގެ ދެ ޝޯއެއް އަޅުވާނެ އެވެ. އެއީ ރޭގެ ޝޯގެ ބާކީ އާއި މިރެއަށް އަޅުވަން ހަމަޖެހިފައިވާ ޝޯ އެވެ. މިރެ އަށް ޝެޑިއުލްކޮށްފައި އޮތް ޝޯ 9:00 އަޅުވަން ހަމަޖެހިފައި އޮތް ނަމަވެސް، މިހާރު ވަނީ 10:00 އަށް ފަސްކޮށްފަ އެވެ.
ރާއްޖޭގެ މަގްބޫލު ސިނަމަޓޯގްރަފާ ވިޝާލް ޒަކީ އުފައްދައި ޑައިރެކްޓުކުރި މި ފިލްމުގައި ތަޖުރިބާކާރު އެކްޓަރަކަށް ހުރީ ސައީދު އެކަންޏެވެ. ކާއްޓޭ އާއި މަޓޭގެ އިތުރުން ބާކީ ތިބި ކާސްޓުންނަކީ ސްކްރީނަކަށް އާ ބައެކެވެ. ނަމަވެސް، ތަޖުރިބާ ނެތަސް އެ މީހުންގެ ފުރަތަމަ އެކްޓިން މަސައްކަތް ރަނގަޅުކަމަށާއި، އެ މީހުންގެ މަސައްކަތާ މެދު ހިތްހަމަޖެހޭނެކަމަށް އުންމީދުކުރާ ކަމަށް ކާއްޓޭ ބުންޏެވެ.
ފ. ނިލަންދޫގައި ޝޫޓްކުރި މި ފިލްމުގައި ގިނައިން އުޅެނީ އެރަށު މީހުންނެވެ. ކާއްޓޭ ބުނީ މި ފިލްމުގެ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވެސް، ފިލްމީ ދާއިރާއަށް ޝައުގުވެރިވާ ރަނގަޅު ހުނަރުވެރި ގިނަބަޔަކު ތިބިކަން ހާމަވި ކަމަށެވެ. އަދި ކުރިމަގުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ފިލްމުތައް ހަދައި، އޮލިމްޕަހުގައި އަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.
ރޭ އެޅުވި ފިލްމުގެ ފުރަތަމަ 30 މިނެޓުގައި ދެއްކީ ފިލްމުގެ ކެރެކްޓާއިންގެ ތައާރަފްތަކާއި އެކަކު އަނެކަކު ދިމާވާ ގޮތެވެ.
ފިލްމުގައި އުޅޭ މެއިން އަންހެން ކެރެކްޓާ ޝިމްރާން އަކީ އިންނާނެ މީހަކު ހޯދަން ބޭނުންވެފައި ހުރި އަންހެނެކެވެ. ޝިމްރާންގެ ރަށަށް، މުއްސަނދި މަހުޖަނު އިޖުލާލު (މަޓޭ) ގޮސްއުޅެނިކޮށް އެ އަންހެން ކުއްޖާ ފެނި އޭނާއާ ހިތާވެ، އަންހެން ކުއްޖާ ހޯދަން ކުރާ މަސައްކަތްތަކުން މުޅި އޯޑިއަންސް ހެއްވާލި އެވެ. އެކަމަކު، ޝިމްރާނަށް އިޖުލާލު ކަމަކުނުދިޔަ އެވެ. ފިލްމުގައި ކާއްޓޭ ކުޅެނީ ސެލެބްރިޓީ ރާޖް ރޯލެވެ. އޭނާ ޝިމްރާންގެ ރަށަށް އަންނަ މަންޒަރު ދައްކާލަދިނީ "ކަބީ ޚުޝީ ކަބީ ގަމް" ސްޓައިލަށެވެ. އަދި އަތިރިމަތިން ޝިމްރާނަށް ރާޖު ފެނި ގަޔާވެ އެވެ.
އޭގެ ފަހުގައި އަދި ތަފާތު ގިނަ ހެއްވާ މަޖާ މަންޒަރުތައް ހުންނާނެ ކަމަށް ކާއްޓޭ ބުންޏެވެ. ހާއްސަކޮށް ފިލްމުގެ މުހިންމު ރޯލެއް ކުޅޭ ސައީދުގެ ކެރެކްޓާގެ ތައާރަފް ހިމެނޭނެ އެވެ.