25 އެޕްރީލް 2023 - 21:59

ޗުއްޓީ ދަތުރުތަކަށް އަލަށް ތައާރަފުކުރާ ހާއްސަ ލަގްޒަރީ އެއާލައިނުގައި މަސައްކަތް ކުރާނެ ކެބިން ކްރޫހޯދުމަށް މާދަމާ އޯޕަން ޑޭއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބިއޯންޑް އެއާލައިނުން ބުނެފި އެވެ.
އެ އެއާލައިނުން ބުނި ގޮތުގައި މާދަމާ ހެނދުނު ނުވައަކުން މެންދުރު ފަހު ތިނެއް ޖަހަންދެން އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ހަތަރު ވަނަ ފްލޯގައި ވޯކްއިން އިންޓަވިއު ކުރިއަށް ދާނެ އެވެ.
- 21 އަހަރު ފުރިފައިވުން
- އިނގެރޭސިން ލިޔަންކިޔަން އެނގުން
- ހައި ސްކޫލް ޑިޕްލޮމާއެއް ނުވަތަ އެ ފެންވަރުގެ ލިޔުމެއް އޮތުން
- މީހުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުން
ބިއޯންޑްއިން ބުނި ގޮތުގައި ކަސްޓަމާ ސާވިސްގެ ތަޖުރިބާ ހުރި ނަމަ އިސްކަންދޭނެ އެވެ.
ބިއޯންޑްގެ ސީއީއޯ ޓީރޯ ޓަސްކިލާ ވިދާޅުވީ މި ފުރުސަތަކީ ޕްރިމިއަމް ލަގްޒަރީ އެއާލައިނެއްގައި މަސައްކަތްކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
“އަޅުގަނޑުމެން ބޭނުން ވަނީ މި ކަމަށް ޝައުގުހުރި ގިނަ ބަޔަކަށް ފުރުސަތު ދޭން. އެކި ހިސާބުތަކުގެ ފަރާތްތަކަށް މި އެއާލައިނާ ގުޅުމުގެ ފުރުސަތު އޮންނާނެ. ކެބިން ކްރޫންނަށް ހޮވޭ ފަރާތްތަކަށް މިއީ ތަފާތު ތަޖުރިބާއަކަށް ވާނެ،” އޭނާ ވިދާޅުވި އެވެ.
ޓަސްކިލާ ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް މިއީ ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
ބިއޯންޑް އަކީ ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން ތައާރަފްކުރާ ލަގްޒަރީ އެއާލައިނެކެވެ. އެއާލައިނުން ޔޫރަޕާއި އޭޝިއާ އާއި އޮސްޓްރޭލިއާ އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކަކަށް ދަތުރު ކުރާނެ ކަމަށް ބިއޯންޑް އިން ބުނެ އެވެ.
ޖުމްލަ 60 މަންޒިލަކަށް އެއާލައިނުން ދަތުރުކުރާނެ އެވެ.