26 އެޕްރީލް 2023 - 11:14

ރިޔާދު (އޭޕްރީލް 26) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އައް ނަސްރު، ސައުދީ ކިންގް ކަޕުން ކަޓައި، ހުސް އަތާ ސީޒަން ނިންމާލަން ޖެހިދާނެކަމުގެ ބިރު ހީވެއްޖެ އެވެ.
އައް ނަސްރު، ކިންގް ކަޕުން ކެޓީ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އަލް ވަހްދާ އަތުން 1-0 އިން ބަލިވެގެންނެވެ.
މި މެޗުގައި ވަހްދާ އިން ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޖަހައިދިނީ އެޓީމަށް ކުޅޭ ފްރާންސްގެ ސްޓްރައިކަރު ޖިއާން ޑޭވިޑް ބިއުގުއޭލް އެވެ. އޭނާ މި ގޯލު ޖެހީ އޯވާހެޑް ކިކަކުންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން 10 މިނިޓު ނުވަނީސް ވަހްދާގެ ޑިފެންޑަރު އަބްދުﷲ އަލް ހާފިޒް އަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީ ބައި ފުރިހަމަ ކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އޭނާ އަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ރޮނާލްޑޯ އަށް ފައުލް ކޮށްގެންނެވެ.
މެޗުގެ ހާފް ޓައިމް ގައި ދަނޑުން ފައިބަން ދަމުން ރޮނާލްޑޯ ވަނީ ބެންޗުގައި ތިބި އެ ޓީމުގެ ކޯޗިން ސްޓާފުންނަށް އޭނާގެ ހިތްހަމަނުޖެހުން ވަރަށް ބޮޑަށް ފާޅު ކޮށްފަ އެވެ.
ފެބްރުއަރީ މަހު ވަހްދާ އާ ދެކޮޅަށް ސައުދީ ޕްރޮފެޝަނަލް ލީގުގައި އައް ނަސްރު ކުޅުނު މެޗުން ވަނީ ރޮނާލްޑޯ ޖަހައިދިން ހަތަރު ގޯލާއެކު ބަލިކޮށްފަ އެވެ. ނަމަވެސް ރޭ ކުޅުނު ކަޕް މެޗުގައި މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ޓީމުން ވަނީ އެކަކު މަދުކޮށް ކުޅެގެން ވެސް ނަސްރުން ލަނޑެއް ޖެހިޔަ ނުދީ ހުއްޓުވައިފަ އެވެ.
މި މެޗުގައި މެޗުގައި ރޮނާލްޑޯ އަށް ވަނީ ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވެފަ އެވެ. އޭނާގެ ދެ ހަމަލާއެއް ވަހްދާ ޓީމުގެ ގޯލްކީޕަރު މަތަކުރިއިރު، ރޮނާލްޑޯގެ ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް ވެސް ވަނީ އަމާޒު ވެފަ އެވެ.
މިދިޔަ ހަފްތާ ސައުދީ ޕްރޯ ލީގުގައި އައް ނަސްރު ވަނީ ވާދަވެރި އަލް ހިލާލް އަތުން 2-0 އިން ބަލިވެފަ އެވެ. އެ މެޗުގައި ހިލާލްގެ ދެ ގޯލު ވެސް ޖެހީ 2020 ވަނަ އަހަރު ލޯނު އުސޫލުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ނައިޖީރިއާގެ ފޯވާޑް އޮޑިއޯން އިގާލޯ އެވެ.
އޭގެ ކުރިން ލީގުގައި އަލް ފައިހާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިއާ އެކު ނަސްރުގެ ކޯޗުކަމުގައި ހުރި ފްރާންސްގެ ރުޑީ ގާސިއާ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާ ވަކިކޮށް ވަގުތީ ގޮތުން މިހާރު ކްލަބަށް އިރުޝާދު ދެނީ އެ ކްލަބްގެ 19 އަހަރުން ދަށުގެ ކޯޗު، ކްރޮއޭޝިއާގެ ޑިންކޯ ޑަލިސިޗް އެވެ. އޭނާއާއެކު ނަސްރު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މިވަނީ ބަލިވެފަ އެވެ.
އައް ނަސްރު ވަނީ ސައުދީ ސުޕަ ކަޕްގެ ވެސް ސެމީ ފައިނަލުން ބަލިވެފަ އެވެ. މިއާ އެކު އެޓީމަށް މި ސީޒަނުގައި ބާކީ އޮތީ ސައުދީ ޕްރޯ ލީގު އެކަންޏެވެ. ލީގުގައި އެޓީމަށް ބާކީ ހަ މެޗު އޮއްއިރު، ނަސްރު އޮތީ ތާވަލުގެ ދެ ވަނައިގަ އެވެ. ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ 23 މެޗުން 56 ޕޮއިންޓް ހޯދާފައިވާ އަލް އިއްތިހާދެވެ. ދެ ވަނައިގައި އައް ނަސްރު އޮތީ 24 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.
އަންނަ ސީޒަނުގެ އޭއެފްސީ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު އައް ނަސްރަށް ލިބޭނީ ސައުދީ ލީގު ޗެމްޕިއަންކަން ހޯދައިގެންނެވެ.