25 އެޕްރީލް 2023 - 14:09

ލަންޑަން (އޭޕްރީލް 25) - ކުރިން ޓޮޓެންހަމް ހޮޓްސްޕާ އާއި ޕީއެސްޖީ އަށް ކޯޗު ކޮށްދިން މައުރީސިއޯ ޕޮޗެޓީނޯ އާ ޗެލްސީގެ ހަވާލުކުރަން މަޝްވަރާތައް ފަށައިފި އެވެ.
ޗެލްސީގެ ކޯޗުކަމުގައި މިވަގުތު، ވަގުތީގޮތުން ހަވާލުވެ ހުރީ ފްރޭންކް ލަމްޕާޑެވެ. ނަމަވެސް ލަމްޕާޑް ޗެލްސީ އަށް މިހާތަނަށް އިރުޝާދު ދިން ހަތަރު މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.
ލަމްޕާޑަކީ ޗެލްސީ އަށް މި ސީޒަންގައި އިރުޝާދުދޭ ހަތަރު ވަނަ ކޯޗެވެ. ތޯމަސް ޓުޗެލް މަގާމުން ވަކި ކުރުމަށް ފަހު އެ މަގާމަށް ފުރަތަމަ ގެނައީ ގްރަހަމް ޕޮޓާ އެވެ. ޕޮޓާ މަގާމުން ވަކިކޮށް ލަމްޕާޑާ ހަވާލު ކުރުމުގެ ކުރިން އެއް މެޗުގައި އެސިސްޓެންޓް ކޯޗު ބްރޫނޯ ސެލްޓޯ ވެސް އިރުޝާދު ދިނެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރި ފަހުން ޕޮޗެޓީނޯ އަދި ހުރީ ޓީމަކާ ހަވާލު ނުވެ އެވެ. އެންމެ ފުރަތަމަ ޗެލްސީ އިން ޕޮޗެޓީނޯ އަށް ޝައުގުވެރިކަން ފާޅު ކުރުމުން އޭނާ ވަނީ ޗެލްސީއާ ހަވާލުވާން ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ކްލަބުގެ ފަސްޓް ޓީމްގެ ސިލެކްޝަންގެ ފުރިހަމަ ކޮންޓްރޯލް ޕޮޗެޓީނޯ އަށް ދޭން އެއްބަސް ވުމުން އޭނާ ހުރީ ކްލަބާ އެކު މަޝްވަރާތައް ކުރިއަށް ގެންދާގޮތަށެވެ.
ޕޮޗެޓީނޯ ވަނީ 4014 ވަނަ އަހަރުން ފެށިގެން ފަސް އަހަރު ވަންދެން ޓޮޓެންހަމަށް ކޯޗުކަން ކޮށްދީފަ އެވެ. އަދި 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ވެސް އެޓީމު ގެންގޮސްދިނެވެ. ނަމަވެސް ފައިނަލްގައި ބަލިވީ ލިވަޕޫލް އަތުންނެވެ. އޭނާ މަގާމުން ވަކިކުރީ ޖެހިގެން އައި ސީޒަނުގެ ފެށުން ގޯސްވެގެން، 2019 ގެ ނޮވެމްބަރުގަ އެވެ.
މީގެ އިތުރުން ޕޮޗެޓީނޯ ވަނީ ޓޮޓެންހަމާ އެކު 2015 ގެ ލީގް ކަޕް ފައިނަލަށް ގޮސް، 2016/2017 ސީޒަންގެ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. ދެ ފަހަރު ވެސް މުބާރާޓް ކާމިޔާބު ކުރީ ޗެލްސީ އެވެ.
މި ސީޒަންގައި އެންޓޯނިއޯ ކޮންޓޭ ޓޮޓެންހަމްގެ ކޯޗުކަމުން ވަކި ކުރުމަށް ފަހު އެ ކްލަބުން އަލުން ޕޮޗެޓީނޯ ގެންދަން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ޕޮޗެޓީނޯގެ ޝައުގުވެރިކަން ހުރީ ޗެލްސީއާ ހަވާލުވާށެވެ.
ޗެލްސީ އިން އަންނަނީ ޕޮޗެޓީނޯގެ އިތުރުން، ކުރީގެ ސްޕެއިން އާއި ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ އާއި މި ސީޒަނުގައި ބާންލީ ޕްރިމިއާ ލީގަށް ކޮލިފައި ކޮށްދިން ވިންސެންޓް ކޮމްޕެނީ އާ ވެސް ވާހަކަ ދައްކަމުންނެވެ.
މި ސީޒަންގައި ބެޔާނުން ބޭރުކޮށްލި ހޫލިއަން ނާގެލްސްމަން އާ އެކު ވެސް ޗެލްސީ އިން މަޝްވަރާ ކޮށްފައި ވެއެވެ. ނަމަވެސް ނާގެލްސްމަން ބުނަމުން އައީ އަންނަ ސީޒަންގައި ޔޫރަޕްގެ ފުޓްބޯޅަ ނުކުޅެވޭ ނަމަ އޭނާ އެ މަގާމަށް ނާންނާނެ ކަމަށެވެ. ޗެލްސީ އޮތީ ލީގުގެ 11 ވަނައިގަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓުމާ އެކު ނާގެލްސްމަން ވަނީ އިތުރަށް މަޝްވަރާތައް ކުރިއަށް ނުގެންދާން ނިންމައިފަ އެވެ.