ކުނި އަޅާ އާއްމު ސައިޒުގެ ކޮތަޅު ބޮނޑިއެއް ވެމްކޯއިން ވިއްކާނީ 35ރ. އަށް
ކުނި އަޅާ އާއްމު ސައިޒުގެ ކޮތަޅު ބޮނޑިއެއް ވެމްކޯއިން ވިއްކާނީ 35ރ. އަށް

ކުނި އުކުމަށް އާއްމު ސައިޒުގެ ކޮތަޅު ބޮނޑިއެއް ވެމްކޯއިން ވިއްކާނީ 35ރ. އަށް ކަމަށް އެ ކުންފުނިން މިއަދު އިއުލާނުކޮށްފި އެވެ.

ވެމްކޯއިން ކުރި އިއުލާނުގައި ބުނީ ކުނި މެނޭޖްކުރުމުގެ ގާނޫނުގައިވާ ވާ ގޮތަށް، ކުނި އެޅުމަށް ހާއްސަ "ބިންލައިނާ" ވިއްކަން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފަށާނެ ކަމަށެވެ. ވެމްކޯގެ ކަސްޓަމާ ފްރޮންޓް އޮފީސްތަކުން އެ ކޮތަޅުތައް ގަންނަން ލިބޭނެ ކަމަށް ވެސް ބުންޏެވެ.

އާއްމު ސައިޒު ނުވަތަ L ސައިޒު [17 އިންޗީ ދިގު] ގެ ބޮނޑިއެއްގައި 100 ކޮތަޅު އޮންނާނެ އެވެ. އޭގެ އަގަކީ 35ރ. އެވެ. ސައިޒު XXL [27 އިންޗި ދިގު]ގެ 100 ކޮތަޅުގެ ބޮނޑިއެއް 165ރ. އަދި XXXL [48 އިންޗީގެ] ގެ 50 ކޮތަޅު ބޮނޑިއެއް ވެސް ވިއްކަން ހަމަޖައްސާފައިވަނީ 165ރ. އެވެ.

ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވަނީ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފަށައިފަ އެވެ. ނަމަވެސް، އެއާއެކު، އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ ކުނި އަޅަން ބޭނުންކުރާ ކޮންމެ ކޮތަޅަކަށް 2ރ. ދައްކަން ޖެހޭތީ އެވެ.

އެކަމަކު، އެ ގާނޫނުގައިވާ ގޮތުން ކުނި މެނޭޖު ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ބިންލައިނަރުން ދެ ރުފިޔާގެ ފީ ދައްކާކަށް ނުޖެހޭނެ އެވެ. ރޯ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅުންނާއި ޑިއުޓީ ފްރީ ފިހާރަތަލުން ވެސް ދޫކުރާ ކޮތަޅުން ދެ ރުފިޔާގެ ފީ ދައްކާކަށް ނުޖެހެ އެވެ.

ވެމްކޯއިން ކުރިން ނެރުނު ބަޔާނުގައި އެ ކޯޕަރޭޝަނުން ވިއްކާނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅު ކަމަށެވެ. ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދުކޮށް، އެހެނިހެން ކުނިތައް ކަޅު ކޮތަޅުގައި ބަންދުކުރުމަށް އެ ކުންފުނިން އެދެ އެވެ.

ވެމްކޯއިން ތައާރަފްކުރާ ކޮތަޅު ހަމައެކަނި ކުނި އުކުމަށް ބޭނުންކުރަން ވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.