26 އެޕްރީލް 2023 - 08:01

ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ ދެކުނު ކޮރެއާގެ ސީރީޒާއި ފިލްމު އަދި ރިއަލިޓީ ޝޯތައް އުފެއްދުމަށް ނެޓްފްލިކްސް އިން 2.5 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރަން ނިންމައިފި އެވެ.

ނެޓްފްލިކްސް އިން މިދިޔަ ހޯމަ ދުވަހު އެކަން އިއުލާނުކުރީ ދެކުނު ކޮރެއާގެ ރައީސް ޔޫން ސޮކް ޔޯލް އާއި އެ ސްޓްރީމިން ކުންފުނީގެ ސީއީއޯ ޓެޑް ސެރަންޑޯސްއާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

މިއީ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކޮރެއާގެ އުފެއްދުންތަކަށް މީގެ ކުރިން އިންވެސްޓުކުރަން ނިންމި އަދަދަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ. އެ ކުންފުނީގެ އެގްޒެކެޓިވް ބޯޑުން 2021 ވަނަ އަހަރު ވަނީ، 2016 ވަނަ އަހަރު އިންވެސްޓު ކުރި 700 މިލިއަން ޑޮލަރުގެ އިތުރަށް 500 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ރާވައިފަ އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި ކޮރެއާގެ އުފެއްދުންތައް އަންނަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގިނަބައެއްގެ މަގުބޫލުކަން ހޯދަމުންނެވެ.
ކޮރެއާގެ ސީރީޒް، "ސްކުއިޑް ގޭމް" އާއި "އޯލް އޮފް އަސް އާ ޑެޑް" އާއި "ދަ ގްލޯރީ" އަދި "އެކްސްޓްރާ އޯޑިނަރީ އެޓާނީ ވޫ" އަކީ އިނގިރޭސި ނޫން ސީރީޒްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބަލާފައިވާ ހަތަރު ސީރީޒެވެ. އޭގެ އިތުރުން، "ފިޒިކަލް: 100" ފަދަ ސީރީޒްތަކަކީ ވެސް ނެޓްފްލިކްސް ގައި ފާހަގަކޮށްލެވޭ ކޮރެއާ ސީރީޒްތަކެކެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ޔޫން ވިދާޅުވީ މި އިންވެސްޓުމަންޓްގެ ސަބަބުން ނެޓްފްލިކްސްގެ އިތުރުން ދެކުނު ކޮރެއާއަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.
ސަރަންޑޮސް ވިދާޅުވީ މިވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމީ ކޮރެއާގެ ކްރިއޭޓިވް ދާއިރާއިން ތަފާތު މޮޅު ވާހަކަތައް ކިޔައިދޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.