25 އެޕްރީލް 2023 - 10:55

ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ނިއުކާސަލް ޔުނައިޓެޑް އަތުން 6-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިވި ބަލިވުން އެއްގޮތަކަށް ވެސް ގަބޫލުނުކުރެވޭނެ ކަމަށް ވިދާޅުވެ ވަގުތީ ކޯޗުގެ މަގާމުން ކްރިސްޓިއަން ސްޓެލިނީ ވަކިކުރަން ޗެއާމަން ޑެނިއެލް ލެވީ ނިންމަވައިފި އެވެ.
ސްޓެލިނީ އެ މަގާމަށް ހަމަޖެއްސީ، އެންޓޯނިއޯ ކޮންޓޭ މިދިޔަ މަހު ކޯޗުގެ މަގާމުން އިސްތިއުފާ ދިނުމުންނެވެ. ކޮންޓޭގެ އެސިސްޓަންޓަކަށް މަސައްކަތްކުރި ސްޓެލިނީގެ ކޯޗުކަމުގައި ޓޮޓެންހަމް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އަދި އެ ޓީމަށް މިހާރު ވަނީ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު ވެސް ހަނިވެފަ އެވެ. އެ ޓީމު ތާވަލުގެ ފަސް ވަނައިގައި އޮތް ނަމަވެސް ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ސީޒަނުގެ ނިޔަލަށް ޓޮޓެންހަމްގެ ވަގުތީ ކޯޗަކަށް މިހާރު ހަމަޖައްސާފައިވަނީ ކުރީގެ ކުޅުންތެރިޔާ ރިޔަން މޭސަން އެވެ.
ޓޮޓެންހަމް އިން އަންނަނީ ބަޔާން މިއުނިކުން ދާދި ފަހުން ވަކިކުރި ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން އަންނަ ސީޒަނުގައި ގެންނަން މަސައްކަތްކުރަމުންނެވެ.
މިދިޔަ ސީޒަނުގައި ކޮންޓޭއާ އެކު ޓޮޓެންހަމުން ލީގުގެ ހަތަރު ވަނަ ހޯދުމުން މި ސީޒަނުގައި އެއަށް ވުރެ ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ބެލެވުނެވެ. އަދި 124 މިލިއަން ޑޮލަރުގެ ޓްރާންސްފާތަކާ އެކު ސީޒަނުގެ ކުރީކޮޅު ރަނގަޅު ނަތީޖާ ނެރުނު ނަމަވެސް ފަހުން އަޑިއަޅާލީ އެވެ.
ކޮންޓޭ ވަކިވީ، ކުޅުންތެރިން ރަނގަޅަށް މަސައްކަތްނުކުރާ ކަމަށާއި، ޓޮޓެންހަމް އަކީ ސީރިއަސް ކްލަބެއް ނޫން ކަމަށް ބުނެފަ އެވެ.
ޓޮޓެންހަމްގެ މެނޭޖްމަންޓަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކެޕްޓަން އަދި އިތުބާރު ފޯވާޑް ހެރީ ކޭން ހިފެހެއްޓުމެވެ. އޭނާ ގެންދަން މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ މަސައްކަތްކުރަމުންނެވެ.