25 އެޕްރީލް 2023 - 10:09

ވ. ކެޔޮދޫގެ މިސްކިތުގައި ހުންނަ ހަތިމުތައް ވީދާ މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ މިސްކިތަށް ގެއްލުން ދިން މައްސަލައެއްގައި ރޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިސްކިތުގެ ބޮޑު ބިއްލޫރިގަނޑު ތަޅާލި މައްސަލައެއްގެ ރިޕޯޓް ރޭ 11:50 ހާއިރު ލިބިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި އުމުރުން 27 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ކެޔޮދޫ ކައުންސިލްގެ ރައީސް އަހުމަދު ސިރާޖު ވިދާޅުވީ، ހަތިމަށް ގެއްލުން ދިން ކަމުގެ ތުހުމަތު އެ މީހާ އަށް ނުކުރާ ކަމަށެވެ.
ސިރާޖު ވިދާޅުވިގޮތުގައި، ކެޔޮދޫގައި ވަނީ ދެ ފަހަރެއްގެ މަތިން ހަތިމުތަކެއް ވީދާލައިފަ އެވެ. ކޮންމެ ހަތިމަކުން ވެސް އޮތީ އެކި ގަނޑުތައް ވީދައިފަ އެވެ.
އެކަމަކު އެއްވެސް ގަނޑެއް އެއްކޮށް ވަކިކޮށްލާފައި ނުވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.
ހަތިމުތަކެއް ވީދާލައިގެން އެންމެ ފުރަތަމަ ކައުންސިލަށް ރިޕޯޓްކުރީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އެވެ. އެ ފަހަރު 10 ހަތިމު ވީދާލައިފައި އޮތެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު އިތުރު 20 ހަތިމު ވީދާލައިފައި އޮތް ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.