25 އެޕްރީލް 2023 - 10:10

ވެމްކޯއިން ފޯރުކޮށްދޭ ބިންލައިނާ ވިއްކަން ބޭނުންވާ ހޯލްސޭލަރުންނާއި ރީޓެއިލަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ވެމްކޯއިން ކުރި އިއުލާނުގައި ބުނެފައި ވަނީ އެކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުން ފޯމު ހުށަހަޅަން އެދިފަ އެވެ.
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކުނި އަޅަން ކޮތަޅު ފޯރުކޮށްދިނުމަށްޓަކައި ވެމްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކޮންމެ ކޮތަޅަކުން 2ރ. ގެ ފީއެއް ސަރުކާރުން ނަގަން ފެށުމާ އެކު ކޮތަޅަށް ކުރަން ހޭދަބޮޑުވެ، އާންމުންގެ ޝަކުވާ ވެސް މި ދުވަސްވަރު ވަނީ އިތުރުވެފަ އެވެ.
ވެމްކޯއިން ބުނީ، ކޮތަޅު ވިއްކަނީ ރާއްޖޭގައި ކޮތަޅު އުފައްދާ، ލީސާ މޯލްޑިވްސް މެދުވެރިކޮށް ކަމަށެވެ.
ކުރިއަށް އޮތް ދެ ހަފުތާ އަށް އާންމުންނަށް ފޯރުކޮށްދޭން ވެމްކޯ އިން ދެ މިލިއަން ކޮތަޅު އުފައްދަން ވަނީ ނިންމައިފަ އެވެ. ވެމްކޯއިން ވިއްކާނީ ފެހި އަދި ކަޅު ކުލައިގެ ތިން ސައިޒުގެ ކޮތަޅެވެ. އެއީ ކުނިވާ ޒާތުގެ ތަކެތި އަޅަން ހާއްސަ ކޮތަޅަކާއި އެހެން ބާވަތްތައް އެޅުމަށް ހާއްސަ ކޮތަޅެވެ.
ކުނި އަޅާ ހާއްސަ ކޮތަޅު ވިއްކަން ވެމްކޯ އިން ފަށާއިރު ކުރާ އިރު އެ ކޯޕަރޭޝަނުގެ ފްރޮންޓް އޮފީސްތަކުން ވެސް ކޮތަޅު ވިއްކާނެ އެވެ.
ކުނި މެނޭޖުކުރުމާ ގުޅޭ ގާނޫނުގައިވާ ގޮތުން ކުނި މެނޭޖު ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ބިންލައިނާ އިން ފީ ދައްކާކަށް ނުޖެހޭނެ އެވެ. ރޯ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅުންނާއި ޑިއުޓީ ފްރީ ފިހާރަތަކުން ދޫކުރާ ކޮތަޅުން ވެސް ދެ ރުފިޔާގެ ފީ ދައްކާކަށް ނުޖެހެ އެވެ.