ޖެރާޑް މޮޅު ކޯޗަކަށް ހެދުމަށް ކްލޮޕް އެހީވަނީ
ޖެރާޑް މޮޅު ކޯޗަކަށް ހެދުމަށް ކްލޮޕް އެހީވަނީ

ލިވަޕޫލް (ޖެނުއަރީ 24) - މޮޅު ކޯޗަކަށް ވުމަށް ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑަށް އެހީވެދޭނެ ކަމަށް އެ ޓީމުގެ މިހާރުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޖެރާޑް ވަނީ ދާދި ފަހުން ލިވަޕޫލް އެކެޑަމީ ކޯޗެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. ޖެރާޑް އަންނަނީ ޔުއެފާ ޕްރޯ ލައިސަންސް ނެގުމަށް މަސައްކަތްކުރަމުންނެވެ.

ކްލޮޕް ބުނީ ޖެރާޑަކީ ފުޓްބޯޅަ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިޔެއް ކަމަށާއި ކޯޗިންގައި ވެސް އޭނާ އަށް ރަނގަޅު މުސްތަގުބަލެއް އެބައޮތް ކަމަށެވެ.

"ޖެރާޑް އަލުން ކްލަބަށް އައުމަކީ އެންމެނަށް ލިބޭ އުފަލެއް. އެކެޑަމީ ކޯޗެއްގެ ގޮތުގައި ކޯޗިން އަށް ވަނުމަކީ ރަނގަޅު ނިންމުމެއް. އަހަރެން ޖެރާޑާ ވަރަށް ގިނަ ކަންތައްތަކެއް މަޝްވަރާ ކޮށްފިން. މޮޅު ކޯޗަކަށް ވުމަށް އޭނާ އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއްދޭން އަހަރެން ތައްޔާރު،" ކްލޮޕް ބުންޏެވެ.

ޖެރާޑަކީ ކުޅުނު ދުވަސްވަރު ދަނޑުމަތީގައި ލީޑަރެއް ކަމަށް ވުމުން މޮޅު ކޯޗަކަށްވާން ފަސޭހަވާނެ ކަމަށް ކްލޮޕް ބުންޏެވެ.

"ކާމިޔާބު ކޯޗަކަށް ވާން ލީޑަޝިޕް ވަރަށް މުހިއްމު. ޖެރާޑަކީ ކުޅުނު ދުވަސްވަރު މޮޅު ކެޕްޓަނެއް، ލީޑަރެއް. މިއީ ކޯޗަކަށްވާން ބަލާއިރު ޖެރާޑަށް ހުރި ފަސޭހަތަކެއް،" ކްލޮޕް ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ރެލިގޭޝަން ޒޯނުގައި އޮތް ސްވަންސީ ސިޓީ އަތުން ބަލިވުމުން ލިވަޕޫލަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި ކްލޮޕްގެ ނިންމުންތަކާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދުމުން ޖެރާޑް ވަނީ ކްލޮޕްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

"ކްލޮޕަކީ ދުނިޔޭގެ ފެންވަރު ކޯޗެއް. ކްލޮޕް ކަހަލަ ކޯޗެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫން. ލިވަޕޫލުން ބޭނުންވާ ކާމިޔާބީތައް ކްލޮޕާ އެކު ހޯދޭނެ. އެކަން އޭނާ ސާބިތުކޮށްދޭނެ،" ޖެރާޑް ބުންޏެވެ.