އިޒްރޭލުން ޖޯޑްންގެ މަޖިލިސް މެމްބަރަކު ހައްޔަރުކޮށްފި
އިޒްރޭލުން ޖޯޑްންގެ މަޖިލިސް މެމްބަރަކު ހައްޔަރުކޮށްފި

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރި އަށް، ރަންތަކަކާއި ހަތިޔާރުތަކެއް ވަގަށް އެތެރެ ކުރަން އުޅުމުގެ ތުހުމަތުގައި، އިޒްރޭލު ފުލުހުން ޖޯޑްންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފި އެވެ.

އިޒްރޭލު ސަރުކާރުން ބުނާ ގޮތުގައި ޖޯޑްންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އިމާދު އަލްއުދުވާން ހައްޔަރު ކުރީ، ޖޯޑްން އާއި ހުޅަނގު އައްސޭރި ގުޅުވައިދޭ، ހުސައިން ރަސްގެފާނު ބްރިޖްގެ ބޯޑަރު ހުރަސްކުރާ މައި ދޮރޯށިން، ހުޅަނގު އައްސޭރިއަށް ހަތިޔާރު އެތެރެކުރަން އުޅުމުންނެވެ. އޭނާގެ ކާރު ހުއްޓުވައި ބަލައި ފާސްކުރި އިރު، ކާރުގެ ތެރެއިން ގިނަ އަދަދެއްގެ ހަތިޔާރާއި ރަންތަކެއް ފެނުމުން، މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުން ހިފަހައްޓާފައި ކަމަށް އިޒްރޭލު ސަރުކާރުން ބުނެ އެވެ.

މި މައްސަލަ ޖޯޑްން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އިޒްރޭލު ސަރުކާރުން ބުނެ އެވެ. މެމްބަރު އިމާދުގެ ކާރު ތެރެއިން ފެނުނު ހަތިޔާރުގެ ތެރޭގައި ގިނަ އަދަދެއްގެ ފިސްތޯލަ އާއި އޭގެ ވަޒަން ހިމެނެ އެވެ.

މިކަމާ ގުޅޭ ގޮތުން ޖޯޑްން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، އިޒްރޭލު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މެމްބަރު އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގައި އިޒްރޭލު ސަރުކާރާ އެކުގައި މިހާތަނަށް ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ ކޮބައިކަމެއް ޖޯޑްން ސަރުކާރުން ނުބުނެ އެވެ.

މެންބަރު އިމާދު ހައްޔަރު ކުރުމާ ގުޅިގެން، ޖޯޑްންގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ، އޭނާގެ ހިތްވަރުގަދަކަން ފާހަގަކޮށް ތާރީފުކޮށްފަ އެވެ. ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އިޒްރޭލުގެ އަޅުވެތިކަމުން މިނިވަންވުމަށް ފަލަސްތީނުގެ ޒުވާނުން ކުރަމުން ދާ ޖިހާދަށް ހިތްވަރު ދިނުމުގެ ގޮތުން، ހުޅަނގު އައްސޭރިއަށް ހަތިޔާރު ފޮނުވަން މަސައްކަތް ކުރުމަކީ ވަރަށް ހިތްވަރު ގަދަ އަމަލެކެވެ.

މެންބަރު އިމާދު އުދުވާން އަކީ ޖޯޑްންގެ ސަލްތު ކިޔާ ސަހަރަށް ނިސްބަތްވާ މީހެކެވެ. ބައިނަލްއަގުވާމީ ގާނޫނުން މާސްޓާސް ހާސިލުކޮށްފައިވާ އިމާދަކީ، ޖޯޑްންގެ ގާނޫނު ހަދާ މަޖިލީހުގައި އޮންނަ، ފަލަސްތީނު ކޮމިޓީގެ މެމްބަރެކެވެ.

އިޒްރޭލު ފުލުހުން އޭނާ ހައްޔަރުކުރި ޚަބަރު ލިބުމާއެކު، ސަލްތު ސަހަރުގެ ގަބީލާތަކުގެ އެތައް ސަތޭކަ ބަޔަކު، ޖޯޑްން އާއި އިޒްރޭލު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އިއްޔެ އެއްވެ، މެމްބަރު އިމާދާ އެކުގައި ތިބިކަން ވަނީ ދައްކައިދީފަ އެވެ. އުމުރުން 34 އަހަރުގެ އިމާދަކީ ޖޯޑްންގެ ގާނޫނު ހަދާ މަޖިލީހުގެ އެންމެ ޒުވާން އެއް މެމްބަރެވެ.

މެމްބަރު އިމާދު ފާހަގަކުރެވިފައިވަނީ، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ފާޅުގައި ވާހަކަ ދައްކަވައި، ފަލަސްތީނު މައްސަލައިގައި އިޒްރޭލާއި ޖޯޑްން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅެއްގެ ގޮތުގަ އެވެ.