23 ޖެނުއަރީ 2017 - 23:23

ނޯޓް7 ގޮވަން މެދުވެރިވީ ބެޓެރީގެ ސަބަބުން ކަމަށް ސެމްސަންގުން ބުނެފި އެވެ. ބެޓެރީ މާ ބޮޑަށް ހޫނުވެ، ފަޅައިގެން ގޮސް އަލިފާންހިފުމުގައި މައިގަނޑު ދެ ކަމެއް އެ ކުންފުނިން ފާހަގަކޮށްފައި ވެ އެވެ.

ގެލަކްސީ ނޯޓް7 ޑިޒައިންކުރިއިރު ބެޓެރީ އަށް ދީފައިވާ ޖާގަ އެކަށީގެންނުވާ ކަމަށް ފާހަގަކޮށްފައި ވެ އެވެ. ޖާގަ ކުޑަވުމުގެ ސަބަބުން، ބެޓެރީ ތެރޭގައި ހުރި ކެމިކަލް ފެތުރިގަތުމަށް ނުކުޅެދުނީ އެވެ.

ބެޓެރީ ގޮވަން މެދުވެރިވި ސަބަބު ހާމަކުރުމުގައި ކުންފުނީގެ މަސްލަހަތަށް ސެމްސަންގުން ވަރަށް ބޮޑަށް ބަލާފައި ވެ އެވެ. ސަޕޯޓަރުން ހިތްއެލޭ ކަހަލަ އެއްޗެއް ނޯޓް7ގެ ޑިޒައިންނާ ބެހޭ ގޮތުން ނުބުނެ އެވެ.
ސެމްސަންގުން ސަބަބު ހާމަކުރުމުގެ ކުރިން ވެސް ތަޖުރިބާކާރުން ވަނީ އެކަން ހިނގަން މެދުވެރި ގޮތް އަންދާޒާކޮށްފަ އެވެ. ނޯޓް7 ރޫޅައި، ބައިތައް ވަކިކޮށް ބެލިބެލުމުން، ބެޓެރީގައި "ނޭވާލާނެ" ޖާގަ ނެތްކަން ވަނީ ފާހަގަވެފަ އެވެ.
ގެލަކްސީ ނޯޓް7 ދެވަނަ ފަހަރަށް ގޮވަން މެދުވެރިވީ ވެސް ޑިޒައިން މައްސަލައަކުންނެވެ. އަވަސްއަރުވާލައިގެން ބެޓެރީތައް އުފައްދަން ކުރި މަސައްކަތްތަކުގައި، ގަވައިދާ އެއްގޮތަށް ބެޓެރީގެ ފަށަލަތައް ހުރީ "އިންސްލޭޓް"ނުކުރެވި އެވެ. އެ ގޮތަށް އެކަން ހުއްޓައި، ފޯނު ބޭނުންކުރުމުގެ ތެރޭގައި އަދި ޗާޖުކުރުމުގައި ބެޓެރީގެ ފަށަލަތައް "ހިތްދެމިލަން" ހިފާލުމާ އެކު "ޝޯޓް ސާކިޓް"ވެ، ދުންއަރައި ހުޅުހިފަނީ އެވެ.
ސެމްސަންގުން އާންމުންނަށް ދިން ރިޕޯޓްގައި އެ މައްސަލައިގެ ޓެކްނިކަލް ތަފުސީލަށް ގޮސްފައި ނުވެ އެވެ. އެހެން ނަމަވެސް ރަސްމީ އިދާރާތަކަށް ފޮނުވި ރިޕޯޓްގައި، ބެޓެރީގައި ހުރި މައްސަލަތަކާއި ފޯނުގެ ބައިތަކުގައި ހުރި މިންތައް ވެސް ހާމަކޮށްފައި ވެ އެވެ.
ސެމްސަންގް ފޯނުތަކަށް ބެޓެރީ އުފައްދަނީ އެ ކުންފުނީގެ ގޮތްޕަކުންނެވެ. ބެޓެރީ އުފެއްދުމަށް ހުއްދަ އޮންނަ ވިޔަފާރި ބައިވެރިން ލައްވައި ވެސް ބެޓެރީ އުފައްދަ އެވެ. އެހެން ނަމަވެސް ބެޓެރީ އުފައްދަން ޖެހޭ މިންގަނޑުތައް ކަނޑައަޅައި ބަލަހައްޓަނީ ސެމްސަންގުންނެވެ.
ގެލަކްސީ ނޯޓް7 ގޮވައި ލިބުނު ގެއްލުން ބިލިއަނުން ގުނަން ޖެހިފައި ވި ނަމަވެސް، ބެޓެރީ އުފެއްދި ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅުއަޅަން ނުވިސްނާ ކަމަށް ސެމްސަންގުން ބުނެވެ. ހަގީގަތުގައި އެއީ ކުރެވެން ވެސް ނެތް ކަމެކެވެ. ބެޓެރީގައި މައްސަލަ ޖެހުނީ ސެމްސަންގްގެ އިހުމާލުންނެވެ.
ގެލަކްސީ ނޯޓް7 ނެރުނީ އައިފޯން 7 ނެރެން ބޯމަތިވެފައި ވަނިކޮށެވެ. ސެމްސަންގުން ބޭނުންވީ ވާދަވެރިންް ސަހަރޯއޭ ބުނާ ވަރުގެ ފޯނެއް އީޖާދުކުރާށެވެ. އިންތިހާ އަށް ތުނި، އެހައި ލުއި އަދި ޓެކްނޮލޮޖީ ދަންނަ ހުރިހާ މޮޅެއް ހިމަނައި ނެރޭ ފޯނުގެ ސަބަބުން ވާދަވެރިން ތަލިވެއްޓޭ ވަރު ކޮށްލާށެވެ.
އަވަސްއަރުވާލައި، ޑިޒައިން ފުރިހަމަކޮށް އެހެން ނަމަވެސް ރަނގަޅަށް ޓެސްޓްނުކުރެވުމުގެ ސަބަބުން ބެޓެރީ ގޮވައި ހުޅުހިފީ އެވެ. އެކަމުން އަރައިގަންނަން ކުރި ހުރިހާ މަސައްކަތެއް ފުލުން ގޮސް، އެންމެ ފަހުން ނޯޓް ހަތަކީ ނުއުފައްދާ އެއްޗަކަށް މިހާރު ވަނީ ހަނދަން ޖެހިފަ އެވެ.