ރާއްޖޭގައި ކްލައިމެޓް ޗޭންޖް ފަންޑެއް ތަރައްގީކުރަން ކޮމަންވެލްތުން އެޑްވައިޒަރެއް
ރާއްޖޭގައި ކްލައިމެޓް ޗޭންޖް ފަންޑެއް ތަރައްގީކުރަން ކޮމަންވެލްތުން އެޑްވައިޒަރެއް

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފަންޑެއް ރާއްޖޭގައި ތަރައްގީ ކުރުމަށް ކޮމަންވެލްތުން އެޑްވައިޒަރެއް ހަމަޖައްސައިފި އެވެ.

ކޮމަންވެލްތުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގެ މަތިން އެ ޖަމިއްޔާގެ ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް އެކްސެސް ހަބުން ވަނީ ރާއްޖޭގެ އިތުރުން ޝީޝެލްސް އާއި އޯޝޭނިއާ ބައްރުގެ ކުޑަ ގައުމެއް ކަމަށްވާ ނައުރޫ އަށް ކްލައިމެޓް ފައިނޭންސްގެ އެޑްވައިޒަރުން ހަމަޖައްސައިފަ އެވެ.

ރާއްޖެ އަށް ހަމަޖެއްސީ އިންޑިއާ ދަރިކޮޅު، އެމެރިކާގެ ބޭފުޅެއް ކަމަށްވާ ސަގަރް ސްރީޖަން ޖޯޝީ އެވެ. ކޮމަންވެލްތުން ބުނީ ރާއްޖޭގެ އެންވަޔަރްމަންޓް މިނިސްޓްރީއާ އެކު އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭނާގެ ދައުރަކަށް ވާނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްރޫއުތަކަށް ފަންޑު ހޯދުމުގައި އިންސާނީ އަދި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށް އެހީވުމާއި ފަންޑް ތަރައްގީ ކުރާނެ ގޮތުގެ ސްޓްރެޓެޖީތައް އެކުލަވާލުން ކަމަށް ކޮމަންވްލްތުން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ ރާއްޖެ ކަހަލަ ކުދި ގައުމުތަކަށް ކްލައިމެޓް ފައިނޭންސް ހޯދުމުގެ ގާބިލުކަން ކުޑަ ކަމަށެވެ.

ކޮމަންވެލްތުން ބުނި ގޮތުގައި ކްލައިމެޓް ފައިނޭންސް އެކްސެސް ހަބުން މި މަހުގެ ނިޔަލަށް އެފްރިކާ، ޕެސިފިކް އަދި ކެރިބިއަން ސަރަހައްދުތަކުގެ ކޮމަންވެލްތު މެންބަރު ގައުމުތަކަށް 18 އެޑްވައިޒަރުން ހަރަކާތްތެރިވި އެވެ. ފަންޑް ތަރައްގީ ކުރުމުގައި މިހާރު 14 އެޑްވައިޒަރުން ކުދި ގައުމުތަކުގައި ހަރަކާތްތެރިވާ ކަމަށް އެ ޖަމަިއްޔާއިން ބުންޏެވެ. ކްލައިމެޓް ފައިނޭންސް އެކްސެސް ހަބު މެދުވެރިކޮށް ކޮމަންވެލްތު މެންބަރު ގައުމުތަކުގެ 67 މަޝްރޫއަކަށް 250 މިލިއަން އެމެރިކާ ޑޮލަރު ހޯދިފައިވާ ކަމަށް ކޮމަންވެލުތުން ބުންޏެވެ.