24 އެޕްރީލް 2023 - 12:33

ވ. ކެޔޮދޫ މިސްކިތުގައި ހުންނަ ހަތިމުތައް ވީދާ މައްސަލަ ބޮޑުވެއްޖެ އެވެ.
ކެޔޮދޫ ކައުންސިލްގެ ރައީސް އަހްމަދު ސިރާޖު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި، އެ ރަށު މިސްކިތުގައި ހުރި ހަތިމުތަކެއް ދެ ފަހަރެއްގެ މަތިން މިހާރު ވަނީ ވީދާލައިފަ އެވެ.
ކޮންމެ ހަތިމަކުން ވެސް އޮތީ އެކި ގަނޑުތައް ވީދައިފަ އެވެ. އެކަމަކު އެއްވެސް ގަނޑެއް އެއްކޮށް ވަކިކޮށްލައިފައެއް ނުވެ އެވެ.
"އެކަން ކުރަނީ ކާކު ކަމެއް އަދި ނޭނގެ. ޝައްކުވާ މީހަކު ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިސްކިތުގައި ސީސީޓީވީ ނުހުންނާތީ އެއީ ކާކުކަން ހޯދަން އުނދަގޫވާ ކަމަށެވެ.
ހަތިމުތަކެއް ވީދާލައިގެން އެންމެ ފުރަތަމަ ކައުންސިލަށް ރިޕޯޓްކުރީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ. އެ ފަހަރު 10 ހަތިމު ވީދާލައިފައި އޮތެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު އިތުރު 20 ހަތިމު ވީދާލައިފައި އޮތް ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.
ކައުންސިލުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.