24 އެޕްރީލް 2023 - 12:55

ޓްވިޓާ ވެރިފައިކުރަން "ޓްވިޓާ ބްލޫ" އަށް ފައިސާ ނުދައްކާ މަޝްހޫރު ބައެއް މީހުންގެ އެކައުންޓުތަކަށް ބްލޫ ޓިކް އަނބުރާ ދީފި އެވެ. އެއާ އެކު ބައެއް މީހުން ވަނީ ޝަކުވާކުރަން ފަށައިފަ އެވެ.
"ބީބީސީ" އިން ބުނި ގޮތުގައި، ބިޔޯންސޭ އާއި ހެރީ ކޭން އަދި ވިކްޓޯރިއާ ބެކަމް ފަދަ މަގްްބޫލް ގިނަ ބައެއްގެ އެކައުންޓުތަކަށް ވަނީ އެއްވެސް ފީއެއް ދެއްކުމަކާ ނުލައި ބްލޫ ޓިކް އަނބުރާ ލިބިފަ އެވެ.
އެ ނޫހުގެ ރަސްމީ ޓްވިޓާގެ ވެރިފިކޭޝަނަށް ފައިސާ ނުދެއްކި ނަމަވެސް، "ގޯލްޑް ޓިކް" ވެރިފިކޭޝަން ލިބިފައިވާ ކަމަށެވެ. އަދި މެހްދީ ހަސަން މެން ފަދަ މީހުންގެ އެކައުންޓުތަކުގެ ވެރިފިކޭޝަން ދިނުމަށް ފަހު މިހާރު ވަނީ އަތުލައިފަ އެވެ.
މިދިޔަ އަހަރު 44 ބިލިއަން ޑޮލަރަށް އީލޮން މަސްކް ޓްވިޓާ ގަތުމުގެ ކުރިން، "ބްލޫ ޓިކް" ވެރިފިކޭޝަން ދެނީ އެކައުންޓެއްގެ އަސްލު ދެނެގަތުމާއި، ފޭކް އެކައުންޓުތައް ހުއްޓުވުމުގެ މަގްސަދުގައި ހިލެ އެވެ. މަސްކް ސީއީއޯކަމާ ހަވާލުވުމަށް ފަހު ވެރިފިކޭޝަން ބޭނުންވާ ނަމަ ކޮންމެ މަހަކު ފީ ދައްކަންޖެހޭ ގޮތް ވަނީ ހަދައިފަ އެވެ.
"ޓްވިޓާ ބްލޫ" އަށް ފައިސާ ދައްކަން ދެކޮޅުހެދި ސެލެބްރިޓީންނާއި ބައެއް ކުންފުނިތަކުގެ އެކައުންޓުތަކުގެ ވެރިފިކޭޝަން، މި މަހު 20 އިން ފެށިގެން ވަނީ އަތުލަން ފަށައިފަ އެވެ. އޭގެ ފަހުން، މިހާރު އަނެއްކާ ބައެއް އެކައުންޓުތަކުގެ ވެރިފިކޭޝަން އަނބުރާ ވަނީ ދީފަ އެވެ.
އަމިއްލަ އެކައުންޓުތަކުން މަހަކު އަށް ޑޮލަރުގެ ފީއެއް ދައްކާއިރު ކުންފުނިތަކުން 1000 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ. ބައެއް އެކައުންޓުތަކަށް "ޓްވިޓާ ބްލޫ" އަށް ފީ ދެއްކުމަކާ ނުލައި ބައެއް މީހުންގެ ވެރިފިކޭޝަން ލިބިފައިވާތީ ޓްވިޓާގެ ގިނަބަޔަކު އަންނަނީ އެކަމަށް ޖޯކުޖަހައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިލިއަނަކާ ގާތްކުރާ އަދަދެއްގެ ފޮލޯވާސް ތިބި ބައެއް އެކައުންޓުތަކަށް ވެސް ބްލޫ ޓިކް މާކް ލިބިފައިވާ ކަމަށް "ބީބީސީ" އިން ބުނެފައި ވާއިރު، 21 މިލިއަނަށް ވުރެ ގިނަ މީހުން ފޮލޯކުރާ އެކްޓަރު ރާޔަން ރެނޮލްޑްސް ފަދަ މީހުންގެ ވެރިފިކޭޝަން ފީ ނުދެއްކުމުން ވަނީ އަތުލައިފަ އެވެ.
ޝަކުވާކުރާ މީހުން ބުނަމުން ދަނީ ޓްވިޓާއިން އޮޅުވާލައިގެން އިސްތިހާރުކުރީ ކަމަށާއި އެއްބަޔަކު ވެރިފިކޭޝަނަށް ފައިސާ ދެއްކުމުން އަނެއް ބަޔަކަށް ހިލޭ ދިނުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ފީ ނުދައްކާ ޓްވިޓާ އެކައުންޓުތަކުގެ ވެރިފިކޭޝަން އަތުލަނީ މެނުއަލްކޮށް ކަމަށް ވާތީ، ކުރިއަށް އޮތް ތަނުގައި ގިނަ އެކައުންޓްތަކެއްގެ ވެރިފިކޭޝަން ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.