އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކިންގްއާ އެކު ނިކް ޖޯނަސް ކިޔާފައިވާ "މާން މެރީ ޖާން (އާފްޓަ ލައިފް) ލަވައިގެ ވީޑިއޯ މިހާރު ނެރެފައިވާއިރު، ގިނަބަޔަކު އަންނަނީ އެ ލަވައަށް ތައުރީފުކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އެ ލަވައިގެ ވީޑިއޯ ޔޫޓިއުބުން މިހާތަނަށް ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލައިފަ އެވެ.

މި ލަވަޔަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނެރުނު ކިންގް (އާޕަން ކުމާރް ޗަންޑޭލް) ގެ ހިޓް ލަވަ "މާން މެރީ ޖާން" ގެ ރިމޭކެވެ. އެ ލަވަޔަށް ޔޫޓިއުބުން ވަނީ 345 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.

ކިންގް އާއި ނިކް ކިޔާފައިވާ ރިމޭކް ނެރެފައި ވަނީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު އެވެ.

މި ލަވަޔާ އެކު ނިކް އަށް އަންނަނީ އޭނާގެ އަންހެނުން، ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ސަގާފަތަށް އޮންނަ ލޯބި ފާހަގަކޮށް ގިނަ ބައެއްގެ ތައުރީފު ލިބެމުންނެވެ. އަދި އެއްބަޔަކު ބުނާ ގޮތުން މި ލަވަޔަކީ ފަހުގެތާރީހެއްގައި ނިކް ކިޔާފައިވާ އެންމެ ރީތި ލަވައެވެ.

އޭގެ އިތުރުން، ހިންދީ ބަހުން މި ލަވައިގައި ނިކް ކިޔާ ތަންކޮޅަށް ވެސް ގިނަބައެއްގެ ސަމާލުކަން ލިބެ އެވެ.