22 އަހަރުވީ 100 މީޓަރު ޖޫނިއާ ރެކޯޑް ރޫޔާ މުގުރާލައިފި
22 އަހަރުވީ 100 މީޓަރު ޖޫނިއާ ރެކޯޑް ރޫޔާ މުގުރާލައިފި

ރާއްޖޭގެ އުންމީދީ އަންހެން ސްޕްރިންޓަރު މަރިޔަމް ރޫޔާ އަލީ، 22 އަހަރުވީ ޖޫނިއާ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްކޮލާޝިޕްގެ ދަށުން ޖެމެއިކާގައި ތަމްރީނު ހަދަމުން އަންނަ ރޫޔާ މި ރެކޯޑް ހެދީ މިއަދު ފަތިހު ޖެމެއިކާގެ ކިންގްސްޓަންގައި ކުރިއަށް ދިޔަ "ވެލޯސިޓީ ފެސްޓް" ގައި 12.21 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ ކުރިން މި ރެކޯޑް އޮތީ ތަޖުރިބާކާރު ދުވުންތެރިޔާ ޝަމްހާ އަހުމަދު އަތުގަ އެވެ. ޝަމްހާ މި ރެކޯޑް ހެދީ 2001 ވަނަ އަހަރު ކެނެޑާގައި ބޭއްވި އަށްވަނަ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 12.27 ސިކުންތުން ދުވެގެންނެވެ.

ބީއެމްއެލް އިން ދިން ސްކޮލާޝިޕް ގައި ރޫޔާގެ އިތުރުން ފިރިހެން ދުވުންތެރިޔާ މުހައްމަދު މިންހަލް ޝާމިން (މިންކޮ) ވެސް އަންނަނީ މާޗު މަހުން ފެށިގެން ޖެމެއިކާގައި ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ. ދެ އެތުލީޓުން ވެސް ތަމްރީނު ހަދަނީ ދުނިޔޭގެ ލެޖެންޑަރީ ސްޕްރިންޓަރު އުސެއިން ބޯލްޓް ތަމްރީނު ކުރި ޖެމެއިކާގެ ރޭސާސް ޓްރެކް ކްލަބުގަ އެވެ.

ރޫޔާ ވަނީ މީގެ ކުރިން ވެސް ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނިގެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކޮށްފަ އެވެ. އޭނާގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އިނގިރޭސި ވިލާތުގެ ބާމިންހަމް ގައި އޮތް ކޮމަންވެލްތު ގޭމްސް އެވެ. އޭގެ ފަހުން އޮކްޓޫބަރު މަހު ކުވޭތުގައި އޮތް އޭޝިއާގެ 18 އަހަރުން ދަށުގެ ޔޫތު މުބާރާތުގައި ވެސް ވާދަ ކުރި އެވެ.

މީގެ އިތުރުން ރޫޔާ ވަނީ ފެބްރުއަރީ މަހު ކަޒަކިސްތާނުގައި އޮތް 10 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލު ކޮށްފަ އެވެ. އެ މުބާރާތުގައި ރޫޔާ ވަނީ 60 މީޓަރު ދުވުމުގައި ވާދަކޮށް އަހުނާ ނިޒާރު ގައުމީ ރެކޯޑު މުގުރާލިތާ ހަތް މިނެޓު ފަހުން އޮތް ހީޓުގައި ވާދަކޮށް އަހުނާގެ އެ ރެކޯޑު މުގުރާލާފަ އެވެ. ރޫޔާ 7.66 ސިކުންތުން ރޭސް ނިންމި އިރު އަހުނާ ރޭސް ނިންމީ 7.89 ސިކުންތުންނެވެ.

ރޫޔާ ފުރަތަމަ އެތުލެޓިކްސް ގައި ވާދަކުރަން ފެށީ 2013 ވަނަ އަހަރު ޖަމާލުއްދީން ސްކޫލުގައި އުޅެމުންނެވެ. އޭނާ ވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ބައިވެރިވެ މިދިޔަ އަހަރު ގދ. ތިނަގޫގައި އޮތް މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގައި 19 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދައިފަ އެވެ. އަދި އޭގެ ފަހުން ރާއްޖޭގައި ބޭއްވި ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ވެސް ރޫޔާ އެވެ.