23 އެޕްރީލް 2023 - 10:01

މެޑްރިޑް (އޭޕްރީލް 23) - މާކޯ އަސެންސިއޯގެ މޮޅު ކުޅުމާ އެކު 2-0 އިން ސެލްޓަ ވީގޯ ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު ރެއާލް މެޑްރިޑް ލީގުގެ ދެވަނައިގައި އޮތީ 30 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެފައިވާ ބާސެލޯނާ އެވެ. ބާސެލޯނާ އާއި ރެއާލް މެޑްރިޑާ ދެމެދު މިވަގުތު އަށް ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.
ރެއާލްގެ ފަހަތުން ލީގުގެ ތިން ވަނައިގައި އޮތީ ރަނގަޅު ފޯމެއްގައި އޮތް އެތުލެޓިކޯ މެޑްރިޑެވެ. އެތުލެޓިކޯ ވެސް ވަނީ އެއް މެޗު މަދުން ކުޅެގެން 60 ޕޮއިންޓް ހޯދައިފަ އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް އަސެންސިއޯ ރެއާލަށް ލީޑު ނަގައިދިނީ ވިނީޝިއަސް ޖޫނިއާގެ އެހީތެރިކަމާ އެކު އެވެ. އަދި ދެ ވަނަ ހާފު ފެށިގެން ކުޑަ އިރުކޮޅެއް ތެރޭ އަސެންސިއޯ ވަނީ ކޯނަރަކުން އެޑާ މިލިޓާއޯ އަށް ޓީމުގެ ދެ ވަނަ ގޯލު ޖަހަން އެހީތެރި ވެފަ އެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި ސީޒަންގެ ގިނަ މެޗުތަކުން ފެނުނު ނަމަވެސް އަސެންސިއޯ ވަނީ ރެއާލަށް މުހިއްމު ވަގުތުތަކުގައި މުހިއްމު ގޯލުތަކެއް ޖަހައިދީފަ އެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ރެއާލަށް ކުޅެމުން އަންނަ އަސެންސިއޯގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އާ ކޮންޓްރެކްޓަކާ މެދު ކްލަބުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
"އަހަރެން ރެއާލް މެޑްރިޑް ދެވެ ވަރަށް ލޯބިވޭ. މި ކްލަބުގައި ވަރަށް އުނދަގޫ ދުވަސްތަކެއް ވެސް ވޭތު ކުރެވިއްޖެ،" އަސެންސިއޯ ބުންޏެވެ.
"މެޑްރިޑްގެ ސަޕޯޓަރުން އަހަރެންނަށް ތާއީދު ކުރޭ. އެމީހުންނަށް އެނގޭ އަހަރެންގެ އިހުސާސްތައް. އެމީހުންނަށް އެނގޭ އަހަރެން މިކްލަބް ދެކެ ލޯބިވާ ވަރު."