23 އެޕްރީލް 2023 - 09:58

ލިވަޕޫލް (އޭޕްރީލް 23) - ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން މޮޅުވެ، ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ އުއްމީދު އާކޮށްފި އެވެ.
ލިވަޕޫލް ވަނީ ދެ ވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޑިއޯގޯ ޖޮޓާގެ ގޯލަކުން ލީޑު ނަގައިފަ އެވެ. އޭގެ ހަތަރު މިނިޓު ފަހުން ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ނެކޯ ވިލިއަމްސް ފޮރެސްޓަށް ނަތީޖާ އެއްވަރު ކޮށްދީފައި ވަނިކޮށް އަނެއްކާ ވެސް ފަސް މިނިޓު ފަހުން ލިވަޕޫލުން ލީޑު ހޯދީ ޖޮޓާ ކާމިޔާބު ކޮށްދިން ގޯލުންނެވެ.
ފޮރެސްޓަށް ދެ ވަނަ ފަހަރަށް ނަތީޖާ އެއްވަރު ކޮށްދިނީ 67 ވަނަ މިނިޓުގައި މޯގަން ވައިޓް ގިބްސް އެވެ. ނަމަވެސް ތިން މިނިޓު ފަހުން ލިވަޕޫލް މޮޅުކޮށްދިން ގޯލު ޖަހައިދިނީ މުހައްމަދު ސަލާހެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް، 31 މެޗުން 50 ޕޮއިންޓާ ހަމަކޮށް ލީގުގެ ހަތް ވަނައަށް ޖެހިލައިފަ އެވެ. ލިވަޕޫލަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ޕޮއިންޓެއް އިތުރަށް ހޯދައިގެން ހަ ވަނައިގައި އޮތީ އެސްޓަން ވިލާ އެވެ. ފަސް ވަނައިގައި އޮތީ ލިވަޕޫލާ އެއްވަރަށް 31 މެޗު ކުޅެގެން 53 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ހަތަރު ވަނައިގައި އޮތީ 30 މެޗުން 56 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ.
މެޗަށް ފަހު ކްލޮޕް ބުނީ ޖެހިޖެހިގެން ދެ މެޗުން މޮޅުވުމުން އުފާވާ ކަމަށާއި ލިވަޕޫލްގެ ކުޅުން ވަރަށް ބޮޑުތަނުން ކުރިއަރައިފި ކަމަށެވެ. އަދި ސީޒަނުގައި ބާކީ އޮތް މެޗުތަކުގައި ވެސް އެއް ފެންވަރެއްގައި ހިފަހައްޓާލެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ކުޅުންތެރިންނަށް ވެސް އެނގޭ އަހަރެމެން މިއީ ހުރިހާ ކަމެއް އެންމެ ފުރިހަމަ ބައެއް ނޫން ކަން، އެކަމަކު ވަރަށް މުހިއްމު ތިން ޕޮއިންޓް ލިބުނީމައި އެންމެން ވެސް ތިބީ ވަރަށް އުފަލުން،" މެޗަށް ފަހު ކްލޮޕް ބުންޏެވެ.
"އަހަރެންނަށް ހީވޭ ހާލަތު ބަދަލު ވެދާނެހެން، އެކަމަކު އަހަރެމެން އެއް ފެންވަރެއްގައި ކުރިއަށް ދާން ޖެހޭ."
ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ފުލަމް ވަނީ 2-1 އިން ލީޑްސް ޔުަނއިޓެޑް ބަލިކޮށްފަ އެވެ. ލެސްޓާ ސިޓީ އިން ވެސް ހަމަ މި ނަތީޖާއިން ވުލްވްސް ބަލިކުރިއިރު، ކްރިސްޓަލް ޕެލަސް އާއި އެވަޓަން ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އަދި ބްރެންޓްފޯޑާއި އެސްޓަން ވިލާ މެޗު އެއްވަރުވީ 1-1 އިންނެވެ.