ރާއްޖެ، ބޫޓާން، ފަލަސްތީން އަދި އޮމާން އެއް ގްރޫޕަކަށް
ރާއްޖެ، ބޫޓާން، ފަލަސްތީން އަދި އޮމާން އެއް ގްރޫޕަކަށް

ޔޫއޭއީގައި 2019 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ކޮލިފައިން ބުރުގެ ގްރޫޕް ޑީ ގައި ދިވެހިރާއްޖެ އާއި އޮމާނާއި ފަލަސްތީން އަދި ބޫޓާން ވާދަކުރަން ޖެހިއްޖެ އެވެ.

އަބޫ ދާބީގައި ދާދި ދެންމެއަކު ކުރިއަށް ގެންދިޔަ ގުރުނެގުމުގެ ރަސްމިއްޔާތުގައި ރާއްޖެ މި ލައްވާލީ ނިސްބަތުން ފަސޭހަ ގްރޫޕެއްގަ އެވެ. މި ބުރުގެ ހަ ގްރޫޕެއްގައި 24 ޓީމު ޓީމު ހިމެނޭއިރު މުބާރާތަށް ކޮލިފައިވާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮޮއިންޓް ހޯދާ ދެ ޓީމެވެ. މި ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ 12 ޓީމުގެ އިތުރުން މުބާރާތުގައި ވާދަކުރާނީ ދެ ވަނަ ބުރުން ކޮލިފައިވެފައިވާ 12 ޓީމާ އެކު ޖުމްލަ 24 ޓީމެވެ.

ރާއްޖެ ވާދަކުރަން ޖެހޭ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަކޮށް ފެންނަނީ އޮމާނެވެ. ރާއްޖެ އާއި އޮމާން އެންމެ ފަހުން ބައްދަލުކުރީ 2010 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ ފަހަރު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އަތުން އޮމާން މޮޅުވީ 3-0 އިންނެވެ. އޭގެ ކުރިން 2007 ގައި އޮމާން ވަނީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ އަތުން 1-0 އިން މޮޅުވެފަ އެވެ.

އޭޝިއަން ގޭމްސްގައި ބަލިވި ފަހަރު ރާއްޖޭގެ ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ އިތުރުން އަހުމަދު އަބްދުﷲ (ލިލީ) އާއި އަކްރަމް އަބްދުލްގަނީ އާއި އިމްރާން މުހައްމަދާއި އަހުމަދު ޝާފިއު އާއި މުހައްމަދު އުމެއިރާއި އަބްދުﷲ މުއާޒް (އޮޓޯ) އާއި އަހުމަދު ތަސްނީމާއި އަލީ ނާފިއު (ކަޅޭ) އާއި އިބްރާހިމް އަބްދުﷲ (އިއްބެ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އިސްމާއިލް އީސަ އަދި މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) ހިމެނެ އެވެ. މީގެ ތެރެއިން ދަގަނޑޭ އާއި ލިލީ އާއި އަކްރަމާއި ޝާފީ އާއި އުމެއިރާއި ނާފިއު އާއި އީސަ އަދި ބޮކުރީ އަކީ ދެން އެކުލަވާލާ ޓީމަކުން ވެސް ފުރުސަތު ލިބުން ގާތް ކުޅުންތެރިންނެވެ.

ރާއްޖެ އާއި ފަލަސްތީން ވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގައި މާލޭގައި ބައްދަލުކޮށްފަ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަލަސްތީނާ ރާއްޖެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވީ އެވެ.

މި ގްރޫޕުގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ބޫޓާން އަތުން ރާއްޖެ މިހާތަނަށް ބަލިވެފައެއް ނުވެ އެވެ. އެގޮތުން އެންމެ ފަހުން ބައްދަލުކުރީ އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަހަރުގެ މާޗު މަހު މާލޭގަ އެވެ. އެ މެޗުން 4-2 އިން ރާއްޖެ މޮޅުވިއިރު ފުރަތަމަ ލެގުން ތިމްޕޫގައި ރާއްޖެ މޮޅުވީ 4-2 އިންނެވެ. އަދި 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ ބޫޓަން އަތުން 3-1 އިން މޮޅުވެފަ އެވެ.

ރާއްޖެ އަށް ފުޓްބޯޅައިން ލިބުނު ފުރަތަމަ ކާމިޔާބީ ކަމަށްވާ 1984 ވަނަ އަހަރުގެ ސާފް ގޭމްސްގެ ލޯ މެޑަލް ރާއްޖެ ހޯދީ ވެސް ބޫޓާން އަތުން 1-0 އިން މޮޅުވެގެންނެވެ. އޭގެ ފަހުން އަބަދުވެސް ފަސޭހަކަމާ އެކު ބޫޓާން އަތުން މޮޅުވަމުން ދިޔަ ނަމަވެސް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ބޫޓާން ވަނީ ރާއްޖެ ހާސްކޮށްލައިފަ އެވެ. ދުނިޔޭގެ އެންމެ ބަލި ޓީމުގެ ގޮތުގައި ކުރިން އޮތް ނަމަވެސް ބޫޓާން އަންނަނީ ކުރިއެރުން ހޯދައި ސަރަހައްދުގެ ޓީމުތަކުގެ އަތުން ކާމިޔާބީ ހޯދަމުންނެވެ. އެގޮތުން ރާއްޖެ އާއި ލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ބޫޓާން ޖާގަ ހޯދިއިރު ސެމީ ފައިނަލުން އިންޑިއާ އަތުން ބަލިވީ އިތުރު ވަގުތު ކުޅެގެން 1-0 އިންނެވެ.

މި ގްރޫޕުގައި ހިމެނޭ ޓީމުތަކުގެ ރޭންކިން އަށް ބަލާއިރު އެންމެ ކުރީގައި އޮތީ ދުނިޔޭގެ 118 ވަނައިގައި އޮތް އޮމާނެވެ. ދެކުނު ކޮރެއާ އާއި އޮސްޓްރޭލިއާގެ ކުރީގެ ކޯޗު ނެދަލެންޑްސްގެ ޕިމް ވާބީކް ކޯޗުކޮށްދޭ އޮމާން ވަނީ 2004، 2007 އަދި 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުގައި ވާދަކޮށްފަ އެވެ. ތިން ފަހަރު ވެސް ގްރޫޕް ސްޓޭޖުން ކެޓީ އެވެ.

ފަލަސްތީން އޮތީ ދުނިޔޭގެ 131 ވަނައިގަ އެވެ. އެ ޓީމު ވަނީ 2014 ވަނަ އަހަރުގެ ޗެލެންޖް ކަޕުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުގައި ވާދަކޮށްފަ އެވެ. އެކަމަކު ޖަޕާނާއި ޖޯޑަން އަދި އިރާގާ އެކު އެއް ގްރޫޕެއްގައި ހިމެނި ތިން މެޗުން ވެސް ބަލިވެ ކެޓީ އެވެ. ފަލަސްތީނުގެ ކޯޗަކީ އެ ގައުމަށް އުފަން އަބްދުލްނާސިރު ބަރަކާތެވެ.

ފީފާ ރޭންކިންގެ 145 ވަނައިގައި ރާއްޖެ އޮތްއިރު ބޫޓާން އޮތީ 176 ވަނައިގަ އެވެ. އެ ޓީމު މިހާތަނަށް އޭޝިއަން ކަޕުގައި ވާދަކޮށްފަ އެއް ނުވެ އެވެ. އެ ޓީމަށް އިރުޝާދު ދެނީ ޖަރުމަނުގެ 16 އަހަރުން ދަށުގެ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު ޓޯސްޓެން ސްޕިޓްލާ އެވެ.

ފުރަތަމަ ފަހަރަށް އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެ އަށް ރަނުގެ ފުރުސަތެއް ލިބިފައިވާއިރު ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ވެސް ވަނީ މި ފުރުސަތުގެ ބޭނުން ރާއްޖޭން ރަނގަޅަށް ހިފަން ޖެހޭކަން ފާހަގަކޮށްފަ އެވެ. އޭނާ އަކީ ޕްލޭއޮފް ދެ ވަނަ ބުރުގައި ލާއޮސްއާ ދެކޮޅަށް ރާއްޖެ ކުޅުނު ދެ މެޗުގައި އިރުޝާދުދޭން ވަގުތީ ގޮތުން ހަމަޖެއްސި ކޯޗެކެވެ. އެކަމަކު އެ ދެ މެޗުގެ ނަތީޖާ ރަނގަޅުވުމުން އެފްއޭއެމުން އޭނާ އަށް ވަނީ ދާއިމީ ކޮންޓްރެކްޓެއް ދީފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންއާ އެއްކޮށް ކުރިއަށް ގެންދިޔަ އޭޝިއަން ކަޕް ކޮލިފައިން ދެ ވަނަ ބުރުގައި ރާއްޖެ ވެސް ވާދަކުރި އެވެ. އެކަމަކު ގަތަރާއި ޗައިނާ އާއި ހޮންކޮން އަދި ބޫޓާނާ އެކު ވާދަކޮށް ރާއްޖެ ދިޔައީ ގްރޫޕުގެ ހަތަރު ވަނަ އަށެވެ. ގަދަ ދެ ޓީމުގެ ތެރޭ ނުހިމެނުމުން ރާއްޖެ އަށް އޭއެފްސީން ދެން ފުރުސަތު ދިނީ ޕްލޭއޮފް ފުރަތަމަ ބުރުންނެވެ. އެ ބުރުގައި ޔަމަނާ ވާދަކޮށް ދެ ލެގުގެ އެގްރިގޭޓުން 4-0 އިން ބަލިވީ އެވެ. އެހެންވެ ފަހު ފުރުސަތަކަށް ލިބުނީ ޕްލޭއޮފް ދެ ވަނަ ބުރުގައި ލާއޮސްއާ ވާދަކުރާށެވެ. ފުރަތަމަ ލެގުން 4-0 އިން މޮޅުވިއިރު ދެ ވަނަ ލެގު 1-1 އިން އެއްވަރުވީ އެވެ. ދެ ލެގުގެ އެގްރިގޭޓުން 5-1 އިން ހޯދުމާ އެކު ރާއްޖެ އަށް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ އެވެ.

ކޮލިފައިން ގްރޫޕް ސްޓޭޖް ކުރިއަށްދާނީ މާޗު 28 އިން އަންނަ އަހަރުގެ މާޗު 27 އަށެވެ.

ގްރޫޕް އޭ: ކިރްގިސްތާން، އިންޑިއާ، މިޔަންމާ، މަކާއޫ

ގްރޫޕް ބީ: އުތުރު ކޮރެއާ، ހޮންކޮން، ލުބްނާން، މެލޭޝިއާ

ގްރޫޕް ސީ: ޖޯޑަން، ވިއެޓްނާމް، އަފްގާނިސްތާން، ކެމްބޯޑިއާ

ގްރޫޕް ޑީ: އޮމާން، ފަލަސްތީން، ދިވެހިރާއްޖެ، ބޫޓާން

ގްރޫޕް އީ: ބަހްރޭން، ތުރުކުމެނިސްތާން، ޗައިނީސް ޓައިޕޭ، ސިންގަޕޫރު

ގްރޫޕް އެފް: ފިލިޕީންސް، ތަޖިކިސްތާން، ޔަމަން، ނޭޕާލް