22 އެޕްރީލް 2023 - 06:54

އެމެރިކާގެ "ބަޒްފީޑް" ނެޓްވޯކުން ހިންގަމުން އައި "ބަޒްފީޑް ނިއުސް" ހުއްޓާލަން ނިންމައިފި އެވެ.
އެ ކުންފުނީގެ ސީއީއޯ ޖޯނާ ޕެރޭޓީ ސޮއިކޮށް މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ވަނީ އެ ނޫސް ހުއްޓާލަން ނިންމީ ފައިދާ ނުވާތީ ކަމަށެވެ.
ޑިޖިޓަލް ޕަބްލިޝާ "ބަޒްފީޑް" އިން ވަނީ އެ ކުންފުނީގެ 15 ޕަސެންޓު މުވައްޒަފުން ވަކިކޮށްފަ އެވެ. އެއީ ބަޒްފީޑް ނޫހާއި އެހެނިހެން ޑިވިޝަންތަކުން ޖުމްލަ 180 މީހުންނެވެ.
ކުރިމަގުގައި، ބަޒްފީޑުން ހަބަރު ގެނެސްދޭން ސަމާލުކަން ދޭނީ އެ ކުންފުނިން 2020 ވަނަ އަހަރު "ވެރައިޒޮން" އަތުން ގަތް "ހަފްޕޯސްޓް" ނޫހަށެވެ. އަދި ބަޒްފީޑް ނޫސް ހުއްޓާލި ނަމަވެސް އެ ކުންފުނީގެ ރަސްމީ ވެބްސައިޓު "ބަޒްފީޑް.ކޮމް" ކުރިއަށް ގެންދާނެ އެވެ.
ބަޒްފީޑް ނޫހާ އަޅާކިއާރު ހަފްޕޯސްޓަކީ ފައިދާ ބޮޑު އަދި ސޯޝަލް ޕްލެޓްފޯމުތަކަށް ބަރޯސާނުވެ، ގިނަ އަދަދެއްގެ ކިޔުންތެރި ތިބި ނޫހެއް ކަމަށް ޕެރޭޓީ ބުންޏެވެ.
ބަޒްފީޑު ނޫހުގައި މަސައްކަތް ކުރި މުވައްޒަފުންނަށް، އެ ކުންފުނީގެ ވެބްސައިޓާއި ހަފްޕޯސްޓުން ޖާގަ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ބަޒްފީޑް ނޫސް ފެށީ 2012 ވަނަ އަހަރު، އޭރުގެ ޗީފް އެޑިޓަރު ބެން ސްމިތުގެ ހިންގުމުގެ ދަށުންނެވެ.