21 އެޕްރީލް 2023 - 06:44

"އޭބީސީ" އިން ގެނެސްދޭ "ދަ ގުޑް ޑޮކްޓާ" ސީރީޒްގެ ހަތް ވަނަ ސީޒަނަކަށް ރިނިއުކޮށްފި އެވެ.

ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އެ ސީރީޒްގެ ހަތް ވަނަ ސީޒަން އިއުލާނުކުރި ނަމަވެސް، ރިލީޒްކުރާ ތާރީހު އަދި ހާމައެއްނުކުރެ އެވެ. ލަފާކުރެވޭގޮތުގައި، އާ ސީޒަން ރިލީޒްކުރާނީ މި އަހަރުގެ ފަހުކޮޅު ކަމަށް ބޭރުގެ ނޫސްތަކުން ބުނެ އެވެ.

"ދަ ގުޑް ޑޮކްޓާ" އަކީ އެމެެރިކާގެ މަޝްހޫރު ހޮސްޕިޓަލެއްގައި މަސައްކަތްކުރާ އޯޓިޒަމް ހުންނަ ސާޖަންއެއް ކަމަށްވާ ޑރ. ޝޯން މާފީގެ ދިރިއުޅުމަށް ބިނާކޮށް އުފައްދާފައިވާ ހިޔާލީ ސީރީޒެކެވެ. އޯޓިޒަމްގެ ސަބަބުން، މީހުންނާ އެކު އުޅޭއިރު އުނދަގޫވާ ޑރ. މާފީ އަށް ބަލި މީހުންނަށް ފަރުވާދިނުމުގެ ހާއްސަ ހުނަރެއް ލިބިފައިވެ އެވެ.
"ދަ ހޮލީވުޑް ރިޕޯޓާ" އިން ބުނި ގޮތުގައި މި ސީރީޒަކީ "އޭބީސީ" ގެ ޝޯތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ބަލާފައިވާ އެއް ސީރީޒެވެ.
"ޢޭބީސީ" އިން ޕްރޮޑިއުސްކުރާ މި ސީރީޒްގެ މެއިން ކެރެކްޓާގެ ރޯލު ކުޅޭ ފްރެޑީ ހައިމޯ، ސީރީޒްގެ ބައެއް އެޕިސޯޑުތައް ލިޔެ، އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވެ އެވެ. އޯޓިޒަމް ހުންނަ މީހެއްގެ ރޯލު އޭނާ ކުޅެފައިވާލެއް މޮޅުކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ ހައިމޯއަށް ތައުރީފުކުރަމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނިކުތް ސީޒަން ހައެއް ނިންމާލާފައިވަނީ ޑރ. މާފީ (ހައިމޯ) އާއި އޭނާގެ އަންހެނުން ލިއާ (ޕެއިޖް ސްޕާރާ) ފުރަތަމަ ފަހަރަށް ދަރިއަކު ލިބޭކަން ހާމަކޮށްފަ އެވެ.