20 އެޕްރީލް 2023 - 13:17

ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރުމުން ބަދަލުގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން އެކި ފަރާތްތަކަށް 2.7 މިލިއަން ރުފިޔާ ދޭން ޖެހެނު ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ސިވިލް ސާވިސް ކޮމިޝަންގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ނުވަ މުއައްސަސާއެއްގައި، ސިވިލް ސާވަންޓުންގެ ގޮތުގައި ހިދުމަތް ކުރަމުން ދިޔަ 17 މީހަކު، ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ނުކޮށް ވަޒީފާއިން ވަކި ކުރި ކަމަށެވެ.
މި ފައިސާ ދައްކަން ޖެހުނީ ވަޒީފާ އާ ބެހޭ ޓްރައިބިއުނަލުންނާއި ކޯޓުތަކުން ކޮމިޝަނާ ދެކޮޅަށް މައްސަލަ ނިންމުމާ ގުޅިގެންނެވެ.
މިފަދަ ބައެއް މައްސަލަތަކުގައި މައްސަލަ އިސްތިއުނާފު ލަސްވުމުން ވެސް އިތުރު ދެ ލައްކަ ރުފިޔާ ސިވިލް ސާވިސް ކޮމިޝަނުން އިތުރަށް ދައްކަން ޖެހުނު ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
އޮޑިޓް އޮފީހުން ބުނީ މުވައްޒަފަކު އަމިއްލަ އަށް ނޭދޭ ހާލަތްތަކުގައި ވަޒީފާއިން ވަކި ކުރާ އިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަން އެދޭ ކަމަށެވެ. އަދި ވަޒީފާގެ އެއްބަސްވުންތަކުގައި ސީއެސްސީއިން ވަޒީފާއިން ވަކިކުރި ކުރުން ރަނގަޅު ނޫން ކަމަށް ކޯޓުތަކުން ނިންމާ ހާލަތްތަކުގައި، ބަދަލުގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅައި، މިހާރު ވަޒީފާގައި ތިބި ފަރާތްތަކުގެ އެއްބަސްވުން އާ ކުރަން ވަނީ އެދިފަ އެވެ.
އޮޑިޓް އޮފީހުން ބުނީ ވަޒީފާ ގެއްލުނު ފަރާތާ ގުޅޭ ގޮތުން ނިންމާ މައްސަލަތަކުގައި ދައުލަތުން ދޭން ޖެހުނު ބަދަލުގެ ކުޑަ ބޮޑުމިނަށް ބަލައި ޒިންމާ އަދާ ކުރުމަށް އިހުމާލުވި މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލެއް ކޮމިޝަނުން އެކުލަވާލުމަށް ވަނީ އެދިފަ އެވެ.
އޭގެ އިތުރުން މަތީ ކޯޓުތަކުން ނިންމާ ނިންމުންތައް ތަންޒީފު ނުކޮށް، އެ ހިނގާ މުއްދަތުގައި އިތުރު ޖޫރިމަނާތައް ދައްކަން ޖެހިއްޖެ ނަމަ، އެކަން ކުރަން އިހުމާލުވި ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފުންގެ އަތުން ދައުލަތަށް އިތުރަށް ކުރަން ޖެހުނު ހަރަދު ހޯދަން ވެސް އޮޑިޓް އޮފީހުން ވަނީ އެދިފަ އެވެ.