23 ޖެނުއަރީ 2017 - 19:17

ވޮޝިންޓަން (ޖެނުއަރީ 23) - ވައިޓްހައުސް އިން ނުކުމެވަޑައިގަތުމުގެ ކުރިން ރައީސް ބަރަކް އޮބާމާ ދޫކޮށްފައި ދިޔަ "ހިތްގައިމު" ސިޓީގެ މަތިން ހަނދާން ކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު އޯވަލް އޮފީހަށް ދިޔަ އިރު ރައީސް އޮބާމާގެ ހިތްގައިމު ސިޓީއެއް އޮތް މޭޒުގައި ބާއްވާފައި،" ޓްރަމްޕުގެ ސަރުކާރުގެ އިސް މަގާމުތަކަށް މީހުން ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވިދާޅުވި އެވެ. "މިއީ އޮބާމާ ވަރަށް ރަނގަޅަށް ކުރެއްވި ކަމެއް. އެ ސިޓީގެ މަތިން އަޅުގަނޑު ހަނދާން ކުރާނަން."
"އަޅުގަނޑު އެ ސިޓީ ބާއްވާނަން. އަދި އެ ސިޓީ ލިޔެފައިވާ ވާހަކަތައް މީޑިއާ އަށް ހާމައެއް ވެސް ނުކުރާނަން،" އުރައިގައި އޮތް އެ ސިޓީ ދައްކަވާލައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ރައީސް ކަމުން ވަކިވެވަޑައިގަންނަވާ ބޭފުޅާގެ ފަރާތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ޚާއްސަ ސިޓީއެއް އޯވަލް އޮފީހުގެ މޭޒުގައި ބޭއްވުމަކީ ސަގާފީ ގޮތުން ވެސް އެމެރިކާގައި ކުރަމުން އަންނަ ކަމެކެވެ.
ރިޕަބްލިކަން ރައީސް ޖޯޖް އެޗް. ޑަބްލިއު. ބުޝް ވަނީ 1993 ވަނަ އަހަރު ޑިމޮކްރެޓިކް ރައީސް ބިލް ކްލިންޓަނަށް ވެސް ޚާއްސަ ސިޓީއެއް ރައްދު ކުރައްވައިފަ އެވެ. އެ ސިޓީގައި ވަނީ މަނިކުފާނުގެ ކާމިޔާބީއަކީ ގައުމުގެ ކާމިޔާބީ ކަމަށް ވިދާޅުވެފަ އެވެ.