19 އެޕްރީލް 2023 - 22:57

އެމްއެންޑީއެފްގެ އަހަރީ ދުވަސް މި އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފްގެ އަހަރީ ދުވަހަކީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ. މި އަހަރު އެ ދުވަސް ވަނީ ފިތުރު އީދު ދުވަހަށެވެ.
އެމްއެންޑީއެފް އިން ބުނީ މިއަހަރު ފާހަގަކުރާ 131 ވަނަ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށޭނީ ފިތުރު އީދު ދުވަހުގެ ހެނދުނު 6:00 ގައި އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތަކުން ކަމަށެވެ.
އަދި އެ ދުވަހު ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުން އޮންނާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެެ. އެ ހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް ހުށަހަޅާނެ އެވެ.
އެ ރޭ 8:00ގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ހާއްސަ ޑިސްޕްލޭއެއް ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާއެރުވުން ވެސް އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހަވާ އެރުވުމުގެ ހަރަކާތް ފެށިގެން ދާނީ އެ ރޭގެ 8:20ގަ އެވެ.