ރަޝިޔާ އަށް ހަތިޔާރުގެ ދަތިކަން ކުރިމަތިވަނީ
ރަޝިޔާ އަށް ހަތިޔާރުގެ ދަތިކަން ކުރިމަތިވަނީ

މީގެ އަހަރު ދުވަސް ކުރިން ޔޫކްރޭނަށް އަރައިގަނެ ކުރަމުން ދާ ހަނގުރާމައިގައި، ރަޝިޔާ ސިފައިންނަށް ކާމިޔާބު ނުލިބި ހަނގުރާމަ ދިގުލައިގެން ދިއުމުގެ އިތުރުން ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ރަޝިޔާގެ އަސްކަރިއްޔާ އަށް ހަތިޔާރުގެ ދަތިކަން ފޯރަން ފަށައިފި އެވެ.

ނެދަލޭންޑްސްގައި ގާއިމުކޮށްފައިވާ ސެންޓަ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ފަރާތުން އާންމުކުރި ތަހުގީގީ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ހަތިޔާރުގެ ދަތިކަން ފޯރާފައި ވިޔަސް، ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ގާބިލުކަން ރަޝިޔާގައި އަދިވެސް އެބަހުއްޓެވެ. މި ހަނގުރާމައިގައި ރަޝިޔާ އިން މިހާތަނަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން އައީ، އެ ގައުމުގައި ހުރި ފަހުގެ ޒަމާނީ ހަތިޔާރުތަކެވެ.

ނަމަވެސް، ހަނގުރާމައިގައި ދުވަހުން ދުވަހަށް ބޭނުންކުރެވޭ ހަތިޔާރުގެ އަދަދާ އަޅައި ބަލާއިރު، އެ މިންވަރާ ގާތްކުރާ އަދަދަކަށް ވެސް އެފަދަ ހަތިޔާރުތައް ދުވަހުން ދުވަހަށް ނުއުފެއްދުމަކީ، ރަޝިޔާގެ އިސް ވެރިންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ހަނގުރާމަ އަށް މިވީ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި ރަޝިޔާ ސިފައިންގެ ޓޭންކާއި ބޮޑުބަޑި އާއި އަސްކަރީ އުޅަނދުތަކާއި ޑްރޯންތައް ހިމެނޭ ގޮތަށް، ޖުމްލަ 10000 އަށް ވުރެ ގިނަ އެތި ވަނީ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ރަޝިޔާގައި ހުރި ފަހުގެ ޒަމާނީ ހަތިޔާރުތައް މަދުވަމުން ދިޔަ ނަމަވެސް، ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ބަރު ހަތިޔާރުތަކާއި ދުވަސްވީ ގިނަ އަދަދެއްގެ ހަތިޔާރުތައް އެ ގައުމުގައި އަދިވެސް އެބަ ހުއްޓެވެ. އެހެންކަމުން، ފަހުގެ ހަތިޔާރުތައް މަދުވާ ތަން ފޫބެއްދުމުގެ ގޮތުން، ދުވަސްވީ ޓޭންކުތަކާއި ބޮޑުބަޑި ފަދަ ބައެއް ހަތިޔާރުތައް ހަނގުރާމައިގެ ކުރީ ސަފަށް މިހާރު ވަނީ ނެރެފަ އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ރަޝިޔާ އިން ހަނގުރާމަ އަށް ނެރެފައިވާ ފަހުގެ ޓޭންކުތަކުގެ ތެރެއިން 1845-3511 އަދަދެއްގެ ޓޭންކު ވަނީ އެއް އަހަރުގެ ތެރޭގައި ހަލާކުވެފަ އެވެ. އޭގެ ތެރޭގައި 2013 ވަނަ އަހަރު މުޅިން އަލަށް ޚިދުމަތަށް ނެރެފައިވާ ގިނަ އަދަދެއްގެ T-72B3 މަރުކާގެ ޓޭންކުތައް ހިމެނެ އެވެ. މި މަރުކާގެ 500 އަށް ވުރެ ގިނަ ޓޭންކު މި ހަފުތާގެ ނިޔަލަށް، ހަލާކުވެ ނުވަތަ ގޮއްވާލައި ނުވަތަ ޔޫކްރޭން ސިފައިން ހިފާފައިވާ ކަމަށް، އެ ރިޕޯޓްގައިވެ އެވެ.

ރަޝިޔާގައި އުފައްދާފައިވާ ފަހުގެ ޒަމާނީ ޓޭންކުތައް ހަލާކުވި އަދަދު މަތިވުމާ ގުޅިގެން، އެ ގައުމުގެ އަސްކަރީ ގުދަންތަކުގައި ރައްކާކޮށްފައި ހުރި T-55މަރުކާގެ ޓޭންކުތައް މިހާރު ވަނީ ހަނގުރާމައިގެ މައިދާނަށް ނެރެފަ އެވެ. މިއީ 1948 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ސޮވިއެޓް ޔޫނިއަންގެ އަސްކަރީ ކާރުޚާނާތަކުގައި އުފައްދައި ޚިދުމަތަށް ނެރެފައިވާ ޓޭންކެކެވެ.

ރަޝިޔާގައި މިހާރު ހުރި އަސްކަރީ ކާރުޚާނާތަކުގައި ފަހުގެ ހަތިޔާރުތައް އުފެއްދުމުގެ މަސައްކަތް ވެސް، ޔޫކްރޭން ހަނގުރާމައާ އެކުގައި ވަނީ ވަރަށް ބޮޑަށް ހަލުވިކޮށްފަ އެވެ. ނަމަވެސް ހަތިޔާރުތައް ހަލާކުވަމުންދާ ނިސްބަތުން ހަތިޔާރު ނުއުފެއްދުމުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ.

ރަޝިޔާގައި އަސްކަރީ ޓޭންކު އުފައްދާ އެއް ކާރުޚާނާ ކަމަށްވާ އުރާއުވަގޯންޒަވޯދްގައި އެއް މަސް ތެރޭގައި އުފެއްދެނީ އެންމެ 20 ޓޭންކެވެ. ނަމަވެސް މިހާރު ކުރިއަށް ދާ ހަނގުރާމައިގެ ކޮންމެ މަސްދުވަހަކުން އެވްރެޖް ގޮތެއްގައި ރަޝިޔާގެ 150 ޓެންކު ހަލާކުވެ އެވެ. މިކަން މިހެން ހުރުމުގެ އިތުރުން، އެފަދަ ޓޭންކުތަކަށް ބޭނުންވާ ޒަމާނީ ހާޑްވެއާ އުފެއްދުމުގެ ދަތިކަންވެސް ވަނީ ކުރިމަތިވެފަ އެވެ.