19 އެޕްރީލް 2023 - 09:29

ޕީޕީއެމްގެ މި އަހަރުގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފައި ވަނިކޮށް، އެ މަނިކުފާނުގެ ކެންޑިޑެސީއާ ދެކޮޅަށް މަސައްކަތް ކުރި ކަމަށް ބުނެ، މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒްގެ މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބަލައި ނުނިމެނީސް އޭނާ ޕީޕީއެމުން ވަކިވެއްޖެ އެވެ.
ޕީޕީއެމްގެ ރައީސް ޔާމީނަށް ރަމީޒް ފޮނުއްވި ސިޓީ ސޯޝަލް މީޑިއާގައި ރޭ ދަންވަރު ލީކުވެފައި ކޮށްފައި ވެ އެވެ.
އެ ސިޓީގައި އޭނާ ވިދާޅުވީ، މި ވަގުތު ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅުއްވެން ނެތުމުން ޕާޓީގެ ދަފްތަރުން ވަކި ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އިތުރު ވާހަކައެއް އެ ސިޓީގައި ނެތެވެ.
ރަމީޒް، ޕީޕީއެމުން ވަކިވެއްޖެ ކަމަށް ރޭގައި ފެތުރުނު ޚަބަރުތަކާ ގުޅިގެން "މިހާރު" އިން ގުޅުމުން ވިދާޅުވީ، ޕާޓީން ވަކިވެވަޑައިނުގަންނަވާނެ ކަމަށެވެ.
"ނުކެނޑޭނަން ޕާޓީއަކުން. އެއީ ޔަގީންކަމެއް،" ރަމީޒް ވިދާޅުވި އެވެ.
އެކަމަކު، ޕީޕީއެމުން ވަކިވެވަޑައިގަންނަވަން އެދި ފޮނުއްވި ސިޓީ ލީކުވުމުން ދެން ފޯނަށް ޖަވާބެއް ނުދެއްވި އެވެ.
ޔާމީންގެ ކެންޑިޑެސީއާ ދެކޮޅަށް ރަމީޒް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ކުރެވިގެން އެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލައި ދިނުމަށް އެދިވަޑައިގަތް ކަމަށް ވަނީ ސީދާ ޔާމީނެވެ. އެކަމަކު، އެ މައްސަލަ އެ ކޮމިޓީ އަށް ފޮނުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ފަރާތުންނެވެ.
އެއާ އެކު، އިއްޔެ މެންދުރު ރަމީޒް ކޮމިޓީ އަށް ހާޒިރުކޮށް ބަޔާން ނެގި އެވެ. އޭނާ އަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައި ހެކިން ވެސް ހުށަހެޅުއްވި ކަމަށް ވެ އެވެ.
ސުލޫކީ ކޮމިޓީ އަށް ރަމީޒް ހާޒިރުކުރުމަށް ފަހު، ދެން އަޑުއެރީ އޭނާއާ ދެކޮޅަށް ހެކިބަސް ދެއްވުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު ކޮމިޓީ އަށް ރޭ ހާޒިރުކުރާ ވާހަކަ އެވެ. އެކަމަކު، ޕީޕީއެމުން ވަގުތުން އެ ވާހަކަ ދޮގުކުރި އެވެ. އެ ދެ ބޭފުޅުން ވެސް ސުލޫކީ ކޮމިޓީ އަށް ވަޑައެއް ނުގަންނަވަ އެވެ.