ކަރަންޓު އިސްރާފު ނުކުރަން ސްޓެލްކޯއިން އިލްތިމާސްކޮށްފި
ކަރަންޓު އިސްރާފު ނުކުރަން ސްޓެލްކޯއިން އިލްތިމާސްކޮށްފި

މިހާރު މި ހިނގަނީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރަށް ވާތީ ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުންކުރުމަށް ސްޓެލްކޯއިން މިއަދު އިލްތިމާސްކޮށްފި އެވެ.

ކަސްޓަމަރުންނަށް ފޮނުވި މެސެޖެއްގައި އެ ކުންފުނިން ބުނީ ކޮންމެ އަހަރެއްގެ އޭޕްރީލް އަދި މެއި މަހަކީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްތަކަށް ވާތީ މި ދުވަސްވަރު ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

އޭގެ އިތުރުން ކަރަންޓު އިސްރާފުވިޔަ ނުދީ، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުންކުރުމަށް އެ ކުންފުނިން އެދިފައިވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ހޫނު ގަދަ ދުވަސްވަރު ކަރަންޓު ބިލް ވަރަށް ބޮޑުވެ އެވެ. ބައެއް ފަހަރު، ގޭގޭގެ ކަރަންޓު ބިލް ދެ ގުނަ ވެސް ބޮޑުވެފައި އެބަހުއްޓެވެ. އެހެންވެ، އެކަމުގެ ޝަކުވާތައް މި ދުވަސްވަރު ބޮޑުވެ އެވެ.

ކަރަންޓު ބިލު ބޮޑުވުމަށް އޮތް ހަމައެކަނި ހައްލެއްގެ ގޮތުގައި ކަރަންޓާއި ހަކަތައާ ބެހޭ ހުރިހާ އިދާރާއަކުން ވެސް ފާހަގަކޮށްފައިވަނީ ބޭކާރު ގޮތުގައި ބޭނުން ކުރާ ކަރަންޓުގެ މިންވަރު ދަށް ކުރުމެވެ. އެގޮތުން، އޭސީ 16ގައި ބެހެއްޓުމުގެ ބަދަލުގައި 25 ގައު ބެހެއްޓުމާއި ބޭނުންކޮށް ނިމުމުން ސްވިޗުތައް އޮފް ކުރުމާއި އޭސީ ކޮށްފައި ހުންނަ ކޮޓަރިތަކުގެ ކުޑަ ދޮރުތައް ހުޅުވާފައި ނުބެހެއްޓުން ހިމެނެ އެވެ.