ޗައިނާގެ އިގްތިސާދު 4.5 ޕަސެންޓްގައި ކުރިއަރައިފި
ޗައިނާގެ އިގްތިސާދު 4.5 ޕަސެންޓްގައި ކުރިއަރައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތައް ދޫކޮށްލައި، އެ ގައުމުގެ ބޯޑަރުތައް ހުޅުވައިލުމާ ގުޅިގެން، މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ޗައިނާގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް އަތުވެއްޖެ އެވެ.

ޗައިނާގެ ތަފާސްހިސާބުތަކާ ބެހޭ ގައުމީ އިދާރާ އިން މިއަދު އާންމު ކުރި، މިއަހަރުގެ ފުރަތަމަ ތިން މަހުގެ އިގްތިސާދީ މައުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި، އެ ގައުމުގެ އިގްތިސާދު ވަނީ، 4.5 ޕަސެންޓްގައި ކުރިއަރައިފަ އެވެ. ކޮވިޑުން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް، މިދިޔަ 2022 ވަނަ އަހަރުގެ ކުރީކޮޅު ލުއިތަކެއް ދިނުމަށް ފަހު، އެ ގައުމުގެ އިގްތިސާދަށް 5.5 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ ކަމަށް ޗައިނާ ސަރުކާރުން ލަފާކުރި އެވެ.

ނަމަވެސް 2022 ވަނަ އަހަރު ނިމުނު އިރު، އެ އަހަރުގެ ތެރޭގައި ޗައިނާގެ އިގްތިސާދަށް ލިބުނީ އެންމެ ތިން ޕަސެންޓުގެ ކުރިއެރުމެއް ކަމަށް، ޗައިނާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިން ނަމަވެސް، އަންދާޒާ ކުރި މިންވަރަށް އިގްތިސާދު ކުރިއަށް ނުދިޔައީ، ބޯޑަރުތައް އެކުގައި ހުޅުވައިނުލުމުގެ ސަބަބުން، ބޭރު ގައުމުތަކާ އެކުގައި ކުރެވުނު ވިޔަފާރީގެ މުއާމަލާތްތައް އެކަށީގެންވާ މިންވަރެއްގައި ކުރިއަށް ނުދިއުމުންނެވެ.

އިމްޕޯޓް އަދި އެކްސްޕޯޓްގެ ފުރުސަތު މުޅިން ފަހިވެފައި ނެތުމުން، އާންމު ރައްޔިތުން މުދާ ގަތް މިންވަރާއި މުދާ ބޭނުންކުރި މިންވަރު، އެކަށީގެންވާ މިންވަރެއްގައި މައްޗަކަށް ނުދެ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި އާންމުން ބޭރަށް ނުކުމެ އުޅުމުގައި ހަރުކަށި ހިފެހެއްޓުންތަކެއް އޮތުމުން، އާންމު ވިޔަފާރިތައް ވެސް، އަންދާޒާ ކުރި މިންވަރަށް ކުރިއަކަށް ނުދެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، އަތްމަތި ދަތިވެ އާއިލާތަކަށް ފަގީރުކަން ކުރިމަތިވާން ފެށުމުން، 2022 ވަނަ އަހަރުގެ ތެރޭގައި އާންމު ރައްޔިތުން ނުކުމެ މަގުތަކާއި މައިދާންތަކުގައި މުޒަހަރާ ކުރަން ފެށިއެވެ. އާންމު ރައްޔިތުންގެ އެ ފިއްތުންތަކާ ގުޅިގެން، ކޮވިޑްގެ ހަރުކަށި ފިޔަވަޅުތައް ޗައިނާ ސަރުކާރުން އުވައިލީ، ޑިސެމްބަރު 2022ގަ އެވެ.

އެއާ އެކު، ޗައިނާގެ އިގްތިސާދަށް މަޑުމަޑުން ދިރުން ލިބެން ފެށި އެވެ. އިގްތިސާދަށް އަންނަން ފެށި އެ ބަދަލުތަކަށް ރިއާޔަތްކޮށް، ޗައިނާ ސަރުކާރުގެ ފަރާތުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މިދިޔަ މަހު ހުށަހެޅި ބަޔާނެއްގައި ވަނީ، މި ހިނގާ 2023 ވަނަ އަހަރުގެ ތެރޭގައި، ފަސް ޕަސެންޓްގެ އިގްތިސާދީ ކުރިއެރުމެއް ހޯދުމަށް އަމާޒު ހިފައިފަ އެވެ.