18 އެޕްރީލް 2023 - 14:20

މަގުމަތިވި އަންހެން މީހާއަށް، އޭނާގެ ފިރިހެން ދަރިފުޅާ އެކު އެ ކުއްޖާގެ ބައްޕަގެ ގޭގައި ދިރިއުޅެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ފެމިލީ ކޯޓުން ނިންމައިފި އެވެ.
ރައްކާތެރިކަމުގެ އަމުރެއްގެ މުއްދަތު އިތުރުކޮށްދިނުމުގެ ތެރެއިން މި އަމުރަށް އެދުމުން އެ ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނިންމީ އެ ކުއްޖާ ގޮވައިގެން، ކުރީގެ ފިރިމީހާގެ ގޭގައި އަންހެން މީހާއަށް ދިރިއުޅެވޭނެ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ހުށަހެޅި މައްސަލައެއް ކޯޓުން މިހާރުވެސް ބަލަމުން އަންނަ ކަމަށެވެ.
އެހެންވެ އެ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅާފައިނުވާތީ ދަރިފުޅާ އެކު އަންހެން މީހާއަށް ވެސް އެ ގޭގެ އެޕާޓްމަންޓުގައި ދިރިއުޅެވޭނެ ގޮތް ހަމަޖައްސަން ފިރިހެން މީހާގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައާ އެއްގޮތަށް ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ވަނީ ނިންމައިފަ އެވެ.
ނަމަވެސް، ދަރިންގެ ސިއްހަތާއި ކިޔެވުމާ ގުޅޭ ލިޔެކިޔުންތަކާއި އިތުރު މުހިއްމު ލިޔުންތައް ނުހިފައްޓައި އަންހެން މީހާއަށް ހަވާލުކުރުމަށާއި އަންހެން މީހާ އާއި ދަރިންގެ ތަކެތި ބޭނުން ނުކުރެވޭ ގޮތަށް ނުހިފެހެއްޓުމަށް އަދި އެ ދެ މީހުންގެ ފިރިހެން ދަރިފުޅަށް ހަރަދު ކުރަމުން ގެންދިއުމަށް ފިރިހެން މީހާއަށް އަންގާފައިވެ އެވެ.
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރުގެ މުއްދަތު ވެސް ވަނީ އަންހެން މީހާ އެދުނު ގޮތަށް އެއް އަހަރު ދުވަހަށް އިތުރުކޮށްފަ އެވެ.
އެ އަމުރުގައި ބުނީ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު ނެރުނު ފަހުން ވެސް ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ގެވެށި އަނިޔާގެ އަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާ އަމަލުތަކުގެ ތެރެއިން ބައެއް ކަންކަން ފިރިހެން މީހާގެ ފަރާތުން އެ ދެ ކުދިންނަށް ކޮށްފައިވާ ކަމަށެވެ.
އެ އަންހެން މީހާގެ ކުރީގެ ކައިވެންޏަކަށް ލިބުނު އަންހެން ކުއްޖަކާއި އެންމެ ފަހުގެ ކައިވެންޏަށް ލިބުނު ފިރިހެން ދަރިފުޅާ އެކު، އެ ފިރިހެން ކުއްޖާގެ ބައްޕަގެ ގޭގައި އުޅެމުން ދަނިކޮށް އެ ގެއިން ނެރެލި ކަމަށް ބުނާ މައްސަލަ ފެންމަތިވީ މިިދިޔަ ހަފުތާގަ އެވެ.
ކުދިންނާއި އަންހެން މީހާ ހާލުގައި ޖެހުމުން އަންހެން މީހާއަށް ފުރަތަމަ އެހީވީ މަމްސް ޖަމިއްޔާއިންނެވެ. ނަމަވެސް، އޭގެ ފަހުން ވަނީ އެ އާއިލާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.