17 ޖޫން 2016 - 08:09

ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް ލިބިއްޖެ ނަމަ ވާނެ ގޮތް ރާއްޖޭގައި މިހާރު މިދަނީ ފެންނަމުންނެވެ. ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއް ބޭނުން ގޮތަކަށް ހަމައެކަނި ނިންމަނީކީ ވެސް ނޫނެވެ. މަޖިލިހުގެ އަސްލު ވާޖިބު އަދާކުރޭތޯ ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އިދިކޮޅު މެމްބަރުން ސިފަކުރައްވާ ގޮތުގައި މިހާރުގެ މަޖިލިސް ވަނީ "ސަރުކާރުގެ އޮފީހަކަށް" ބަދަލުވެފަ އެވެ. ސަރުކާރުން މަޖިލީހަށް ހުށަހަޅައި ކޮންމެ އެއްޗެއްގައި "ރަބަރު ސްޓޭމްޕެއް" ހެން ތައްގަނޑު ޖަހަނީ އެވެ. އިދިކޮޅު މެމްބަރުންގެ ހިޔާލު ހޯދުމުގެ ފިކުރެއް ވެސް ނުގެންގުޅެނީ އެވެ. އިދިކޮޅު މެމްބަރުންގެ ވާހަކަތައް އަޑު ވެސް ނާހަނީ އެވެ.

އެކަމަކު ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންގެ ވިސްނުން ވަރަށް ބޮޑަށް ތަފާތެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ސަރުކާރުން ފެން ބޮވައިގެންފައި ތިބިއިރު އެކަމަށް މަގު ފަހިކުރެވޭނެ ހުރިހާ ބާރެއް އޮތީ ހަމައެކަނި މަޖިލީހަށެވެ. ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުން ކަންކަން ފާސްކުރަން ޖެހޭނެ އެވެ. އަދި ސަރުކާރުން ހުށަހެޅި ބައެއް ބިލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވާނެ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ.

ހަލުވިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސަރުކާރުން ފޮނުވާ ބިލްތައް ފާސްކޮށްގެން ނޫނީ އަވަސް ހިދުމަތެއް ނުދެވޭނެ ކަމަށް ގަބޫލުކުރައްވާ މެމްބަރުން ވެސް އެބަ ތިއްބެވި އެވެ. އަދި އެ އިސްލާހުތަކާއި ބިލްތައް ފާސްކުރާއިރު އިދިކޮޅު މެމްބަރުންގެ ލަފާ ހޯދަން ނުޖެހޭނެ ކަމަށް ގަބޫލުކުރައްވާ މެމްބަރުން ވެސް އެބަ ތިއްބެވި އެވެ.

އެކަމަކު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މިދިޔަ ދައުރުގައި ގިނަ ކަންކަން ފާސްކުރީ ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅަށް ބާރުތައް ޖަމާވާ ގޮތަށެވެ. ސިޔާސީ ވާދަވެރިންނަށް ހުރި ފުރުސަތުތައް ވަނީ ހަނިކޮށްފަ އެވެ.

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުމުން އިދިކޮޅު މެމްބަރުން ބޭނުންވާ ގޮތަށް ކަންކަން ފާސް ނުވާނެ ކަން އެ މެމްބަރުން ވެސް ގަބޫލުކުރައްވަ އެވެ. އެހެންކަމުން އެ މެމްބަރުންނަށް މަޖިލީހުގައި "އަތް އުރާލައިގެން" ތިއްބެވުން ނޫން ގޮތެއް ނެތެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގުޅުން ހުރި ކަންކަން ކުރުމުގެ ފުރުސަތެއް މިދިއަ ދައުރުގައި މަޖިލީހުގެ ތެރެއިން އެމްޑީޕީއަކަށް ނުލިބުނެވެ. އޭގެ ބަދަލުގައި މަޖިލީހުން ފާސްކުރީ ރައީސް ޔާމީން ބޭނުންފުޅުވާ ބިލްތައް ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުމުގައި އިދިކޮޅު މެމްބަރުން ވަނީ ގާތްގަނޑަކަށް ކަސްތޮޅު އެޅުވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވި ގޮތުައި ކޮމިޓީތަކަށް ހުށަހެޅި މައްސަލަތައް ބަލާފައި ނުވާތީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ފުރުސަތެއް ވެސް މެމްބަރުންނަކަށް ނެތެވެ.
އިދިކޮޅު މެމްބަރުން އިއްތިފާގުވާ ގޮތުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން އިސްލާހުތައް ހުށަހަޅުއްވަނީ ވަކި މީހަކަށް އަމާޒުކޮށެވެ. އޭގެ އިތުރުން މިނިވަން މުއައްސަސާތަކަށް "އަތް ބާނަން" ފުރުސަތު ލިބޭ ގޮތަށް ސަރުކާރުގެ މެމްބަރުން އަދިވެސް މަސައްކަތްކުރައްވާ ކަމާއި އޭގެ ހެއްކަކަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ސިޔާސީ މީހުން އައްޔަން ކުރުން ފުދޭ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ.
"އަޅުގަނޑުމެންނަށް ހަގީގަތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގަ އާއި ރައްޔިތުންނަށް ލުއިތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަައް ގެނައުމުގެ ފުރުސަތެއް އެއްގޮތަކަށް ވެސް މަޖިލިސް ތެރެއިން ނުލިބޭ. އިދިކޮޅު މެމްބަރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮތް މަޖިލީހެއް ނޫން މިހާރު އޮތީ،" ރޮޒެއިނާ ވިދާޅުވި އެވެ.
އެކަމަކު ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދުގެ ވިސްނުން ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި ނިމިގެން ދިޔަ ދައުރުގައި ރައްޔިތުންނާ ގުޅުން ހުރި ގިނަ ބިލްތަކަކާއި އިސްލާހުތަކެއް ވަނީ ފާސްކޮށްފަ އެވެ. އަދި ދައުލަތުގެ ބަޖެޓަށް ލުއިތަކެއް ލިބޭ ގާނޫނުތައް ވެސް ފާސްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ މި އަހަރުގެ ދެ ވަނަ ދައުރުގައި ވެސް ރައްޔިތުންނަށް ފައިދާ ހުރި ބިލްތަކާއި އިސްލާހުތަކެއް ހުށަހަޅާނެ އެވެ. އެގޮތުން ރައްޔިތުންގެ އަތުން މިހާރު ނަގަމުން އަންނަ ޓެކްސްތައް ކުޑަކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ފުރަތަމަ ދައުރެކޭ އެއްގޮތަށް ދެވަނަ ދައުރު ވެސް އަދި ފެންނަނީ ވަރަށް ބޮޑަށް "ވަނދުކޮށެ"ވެ. އަދި ބޭއްވީ އެންމެ ދެ ޖަލްސާ އެވެ. ދެ ވަަނަ ދައުރު ފެށީ ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ނަމަވެސް ކުރާނެ މަސައްކަތެއް މަޖިލިހަކު ނެތެވެ.
މި ދުވަސްކޮޅު މަޖިލިހުގައި ކަމެއް ނެތީ، ހއ. ދިއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވި ގޮތުގައި، ސަރުކާރުން މަޖިލީހަށް ފޮނުވި ބިލުތައް މަދުވުމުންނެވެ.
އޭނާ ވިދާޅުވީ އިދިކޮޅު މެމްބަރުންގެ ފަރާތުން ފެންނަނީ ފުރައްސާރަކުރުމާއި ޖެއްސުން ކުރުމުގެ އަމަލުތައް ހިންގާ ތަން ކަމަށެވެ.
"ގިނަ ފަހަރަށް ފެންނަނީ ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމާއި މަލާމަތް ކުރުމާއި ސިޔާސީ ވިސްނުން ގެންގުޅޭ ތަން. އެ މެމްބަރުން މަސައްކަތް ކުރައްވަނީ މީހުންގެ ސަމާލުކަން ހޯދަން،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގައި ފެނުނީ، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވިދާޅުވި ގޮތުގައި، ސިޔާސީ ވަކިވަކި ބޭފުޅުންނަށް އަމާޒުކޮށް ގާނޫނުތައް ފަރުމާކުރި ތަނެވެ.
"ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ސުވާލުކުރުމުގެ ފުރުސަތު ވެސް ހަނިކުރީ. ރައްޔިތުންގެ އުންމީދާ އެއްގޮތަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ މަޖިލިހުގެ ތެރެއަކުން،" ރިޔާޒު ވިދާޅުވި އެވެ.
ސިޔާސީ ވަކިވަކި ބޭފުޅުންނަށް އަމާޒުކުރި ބިލްތަކުގެ ގޮތުގައި ރިޔާޒު ނެންގެވީ ސިފައިންގެ ގާނޫނާއި ފުލުހުންގެ ގާނޫނަށް ހުށަހެޅި އިސްލާހާއި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކަށް އިނާޔަތް ދިނުމާ ބެހޭ ބިލަށް ގެނައި އިސްލާހެވެ.
"މި ފެށުނު ދައުރުގައި ވެސް ކަންކަން ނިންމާނީ ސަރުކާރުން ބޭނުންވާ ގޮތަށް. އެ ފުރުސަތު މިހާރު އެބަ އޮތް ވަރަށް ބޮޑަށް،" ރިޔާޒު ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި މަޖިލީހުގައި އެބޭފުޅުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮތީ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންގެ ވިސްނުން ތަނަވަސްވެގެންނެވެ. މެމްބަރުން ކުރެއްވި ހުވަޔާ އެއްގޮތަށް މަސައްކަތް ކުރައްވާ މެމްބަރުންނަށް ވެގެންނެވެ. އެކަމަކު މިއީ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ގަބޫލުކުރައްވާ ވާހަކަތަކެއް ނޫނެވެ.
މި ހާލަތުގައި މަޖިލިސް ފެންނަނީ ހަމައެކަނި ސަރުކާރުން ބޭނުންވާ ކަންކަން ކުރާ ތަނެއްގެ ގޮތުގަ އެވެ. ސަރުކާރާއި މިނިވަން މުއައްސަސާތައް ޒިންމާދާރުކުރުވުމުގެ އެއްވެސް ރޯލެއް މިހާރުގެ ރައްޔިތުންގެ މަޖިލިހަކުން ނުފެނެ އެވެ.