ޓީޓީ ޓީމް ތަމްރީނުތަކަށް ކްރޮއޭޝިއާ އަށް ފުރައިފި
ޓީޓީ ޓީމް ތަމްރީނުތަކަށް ކްރޮއޭޝިއާ އަށް ފުރައިފި

މި އަހަރުގެ އޮގަސްޓް މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރު ވުމުގެ ގޮތުން ތަމްރީނުތަކަށް ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ޓީމު ކްރޮއޭޝިއާ އަށް ފުރައިފި އެވެ.

ޓީޓީ އަކީ ގޭމްސް ގައި ރާއްޖޭން މެޑަލް ހޯދާނެ ކަމަށް އެންމެ އުންމީދު ކުރެވޭ ކުޅިވަރެވެ. ޓީޓީ ޓީމް ކްރޮއޭޝިއާ އަށް ފުރީ ޔޫތު މިނިސްޓްރީ އިން ކުރިއަށް ގެންދާ އަރުތަ ޕްރޮގްރާމާއި، ބޭންކް އޮފް މޯލްޑިވްސް އިން ދޭ ބީއެމްއެލް ސްކޮލާޝިޕްގެ އެހީގެ ދަށުންނެވެ.

ކްރޮއޭޝިއާ އަށް ރޭ ފުރި ގައުމީ ޓީޓީ ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، ލައިޝާ ފަތުހުﷲ އިސްމާއީލް، މޫސާ މުންސިފް އަހުމަދު، މުހައްމަދު ޝައްފާން އިސްމާއިލް، ޒީކް ހަސަން ލަތީފް، މުހައްމަދު ތާބިން ސުޖާއު އަދި އަހްޔަރު އަހުމަދު ހާލިދެވެ.

ދީމާ އާއި އާއިޝަތު ރަފާ ނާޒިމް އަކީ އަންނަ މަހުގެ 20-28 އަށް ދެކުނު އެފްރިކާގެ ޑާބަން ގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕްސް ފައިނަލްސް ގައި ރާއްޖެ ތަމްސީލު ކުރާނެ ކުޅުންތެރިންނެވެ. ރަފާ ވެސް ވަރަށް އަވަހަށް ކްރޮއޭޝިއާ އަށް ރޭ ފުރި ޓީމާ ގުޅުމަށް ހަމަޖެހިފައި ވާކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

އަންނަ ޖުލައި މަހުގެ ނިޔަލަށް ޓީޓީ ޓީމުން ކްރޮއޭޝިއާގައި ކުރިއަށް ގެންދާ ހައި ޕާފޯމަންސް ޓްރޭނިންތަކުގައި ތަމްރީނު ދޭނީ މި އަހަރުގެ ފެބްރުއަރީ މަހު ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އެގައުމުގެ ފިރިހެން ގައުމީ ޓީމުގެ ކުރީގެ ކޯޗު ޒެވޯނިމިރް ކޮރެނިޗް އެވެ.

ހަމަ އެއާ އެކު ރާއްޖޭގައި ޓީޓީ ޓީމްގެ ކުޅުންތެރިންނަށް ތަމްރީނު ދޭން މިދިޔަ މަހު ވަނީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކޯޗުންގެ ޓީމެއް ވެސް ގެނެސްފަ އެވެ.

ގައުމީ ޓީޓީ ޓީމުގެ އިތުރު އެތުލީޓުންގެ ތެރެއިން، ބީއެމްއެލް ސްކޮލާޝިޕް ލިބުނު ފާތިމަތު ޖުމާނާ ނިމާލް އާއި އަރުތަ ސްކޮލަޝިޕް ލިބުނު މިޝްކާ މުހައްމަދު އިބްރާހިމް ވަނީ އައިއޯއައިޖީ އަށް ތައްޔާރު ވުމުގެ ގޮތުން ތަމްރީނުތަކަށް މިދިޔަ މަހު އިންޑިއާ އަށް ފުރައިފަ އެވެ.