ޝާހްރުކްގެ "ރައީސް" އާ ބީޖޭޕީގެ ވެރިން ދެކޮޅު
ޝާހްރުކްގެ "ރައީސް" އާ ބީޖޭޕީގެ ވެރިން ދެކޮޅު

ޝާހްރުކް ޚާން ސިޔާސީ ލީޑަރުންނާ އެކު ސިއްރު ބައްދަލުވުންތަކެއް މީގެ ކުރިން ބާއްވާފައިވާ ކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރިފައި ވިޔަސް އޭނާގެ އާ ފިލްމު "ރައީސް" އޮމާންކަމާ އެކު ރިލީޒްކުރެވިދާނެކަމާ މެދު ޝައްކުތައް އުފެދެން ފަށައިފި އެވެ.

"ރައީސް"ގައި ޕާކިސްތާނު ބަތަލާއެއް ކަމަށްވާ މާހިރާ ޚާން ބައިވެރިކުރުމަކީ ވެސް ސިޔާސީ މީހުން ޝާހްރުކް ދެކެ ރުޅިގަދަވެފައިވާ ސަބަބަކަށް ވެފައި ވާއިރު ސިޔާސީ މީހުންނަކީ ކަންކަން ބަލައިގަތުމުގެ ގާބިލްކަން ހުރި ބައެއް ނޫން ކަމަށް ބުނި މައްސަލަ ވެސް އޮތީ ވަރަށް ބޮޑުވެފަ އެވެ.

މަހަރަޝްތުރާގެ އެންމެ ނުފޫޒުގަދަ ސިޔާސީ ޕާޓީ އެމްއެންއެސްގެ ލީޑަރު ރާޖް ތާކަރީ އާއި ޝާހްރުކްގެ ބައްދަލުވުމަށް ފަހު އެމްއެންއެސް އިން "ރައީސް" ރިލީޒްކުރުމާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެ އެވެ.

އިންޑިއާގައި "ރައީސް" ޕްރޮމޯޓްކުރުމަށް މާހިރާ ނުގެންނާނެކަމަށް އެ ބައްދަލުވުމުގައި ޝާހްރުކް ރާޖް ތާކަރީ ގާތު ވައުދުވީ ކަމަށްވެ އެވެ. ނަމަވެސް އެންމެ ޕާޓީއެއްގެ އިސް ލީޑަރަކާ ބައްދަލުކުރުމަކުން ޝާހްރުކަށް ސަލާމަތެއް ނުވެވުނެވެ.

ވެރިކަންކުރާ ބީޖޭޕީގެ ނެޝަނަލް ޖެނެރަލް ސެކްރެޓަރީ ކައިލާޝް ވިޖޭވަރްގިޔާ ވަނީ ޝާހްރުކަށް ޓުވިޓާގައި ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

"ރައީސް" ރިލީޒްކުރުމަށް އެންމެ ތިން ދުވަހަށް ވެފައިވަނިކޮށް އޭނާ ކުރި ޓުވީޓްގައި ސީދާ ޝާހްރުކްގެ ނަމެއް ނުބުނެ އެވެ. ނަމަވެސް "ރައީސް" އަކީ ތެދުވެރިކަމެއްނެތް ގައުމާ އިދިކޮޅު މީހެއްކަމަށް ބުނެފައި ވެ އެވެ. އަދި އެ ޕާޓީއަށް ތާއީދުކުރާ މީހުން އެ ފިލްމަށް ތާއީދު ނުކުރަން އެދޭކަމަށް ހީވާ ކަހަލަ މޭރުމަކުން ވެސް އޭނާގެ ޓުވީޓްގއި ލިޔެފައި ވެ އެވެ. ހަމަ އެއާއެކު "ރައީސް" އާ އެއް ދުވަހަކު ރިލީޒްކުރާ ރިތިކް ރޯޝަންގެ "ގާބިލް"އަކީ ވަތަނިއްޔަތަށް ލޯބިކުރާކަން ހާމަވާ ފިލްމެއް ކަމަށާއި އެ ފިލްމަށް ތާއީދުކުރާކަން ވެސް ހާމަކޮށްފައިވެ އެވެ.

މިއީ ވިޖޭވަރްގިޔާ ޝާހްރުކާ ދެކޮޅަށް ޓުވީޓްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ އެފަދަ ބައެއް ޓުވީޓްތައް ކޮށްފައިވެ އެވެ. އަދި ޝާހްރުކް އަކީ އިންޑިއާގައި ދިރިއުޅޭ މީހެއް ނަމަވެސް އޭނާގެ ހިތް އޮންނަނީ ޕާކިސްތާނުގައި ކަމަށް ވެސް ބީޖޭޕީ ލީޑަރަކު ތަންކޮޅެއް ކުރިން ބުނެފައިވެ އެވެ.