19 އެޕްރީލް 2023 - 07:15

މި އަހަރު އެޅުވި ބޮޑެތި ފިލްމުތައް ކަމަށްވާ "ކްރީޑް 3" އާއި "އެންޓްމޭން އެންޑް ދަ ވަސްޕް: ކުއަންޓަމޭނިއާ" ފަދަ ފިލްމުތަކުން ވިދާލި އެކްޓަރު ޖޯނަތަން މޭޖާސްގެ މައްޗަށް ތުހުމަތުކުރި ގެވެށިއަނިޔާގެ މައްސަލައަށް ފަހު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ގެވެށި އަނިޔާގެ މައްސަލައެއްގައި މޭޖާސް ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާގެ ނިއު ޔޯކުން ހައްޔަރުކޮށްފަ އެވެ.

އެ ހަބަރާ އެކު މޭޖާސްގެ ޕީއާރް މެނޭޖަރު ލީޑް ކުންފުނިންނާއި އޭނާގެ ޓެލެންޓް މެނޭޖަރު، "އެންޓަޓެއިންމަންޓު 360" ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
އުމުރުން 33 އަހަރުގެ މޭޖާސް ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ އަންހެނަކަށް އަނިޔާކޮށް ފުރައްސާރަ ކުރިކަމަށް ތުހުމަތުކޮށް ދައުވާ އުފުލައިފަ އެވެ. ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނި ގޮތުގައި، އަންހެން މީހާގެ ބޮލަށާއި ކަރަށް ވަނީ ކުދި އަނިޔާތަކެއް ލިބިފަ އެވެ.
މޭޖާސްގެ ގާނޫނީ ޓީމުން ވަނީ އޭނާ އެކަން ނުކުރާކަން ސާބިތުވާ ހެކި ހުރިކަމަށް ބުނެ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ.
ހައްޔަރުކުރުމުގެ ކުރިން، މޭޖާސް އަކީ އަރަމުން އައި ހުނަރުވެރި އެކްޓަރެކެވެ. "ލަވްކްރާފްޓް ކަންޓްރީ" ސީރީޒަށް އެމީ ނޮމިނޭޝަނެއް ވެސް ލިބިފައިވާ މޭޖާސް އެންމެ ބޮޑު މަގްބޫލުކަމެއް މި އަހަރު ހޯދީ، ބްލޮކްބަސްޓާ ދެ ފިލްމު "ކްރީޑް 3" އާއި "އެންޓްމޭން އެންޑް ދަ ވަސްޕް: ކުއަންޓަމޭނިއާ" އިންނެވެ.
"އެންޓް މޭން" ފިލްމާއި "ލޯކީ" ސީރީޒްގައި އޭނާ ކުޅުނު ކޭންގްގެ ރޯލުން މާވެލްގެ ކުރިއަށް ހުރި ބޮޑެތި ޕްރޮޖެކްޓުތަކުގައި މޭޖާސް އުޅޭގޮތަށް ހަމަޖެހިފައިވާ ނަމަވެސް، މި މައްސަލަޔާ ގުޅިގެން އޭނާގެ ކެރިއާއަށް ވާނެގޮތަކާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. މި މައްސަލައިގައި މާވެލްގެ ރަސްމީ ބަހެއް އަދި ނެތެވެ.