އެޗްޑީސީ ރީބްރޭންޑް ކުރަން 1.2 މިލިއަން ރުފިޔާ
އެޗްޑީސީ ރީބްރޭންޑް ކުރަން 1.2 މިލިއަން ރުފިޔާ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަން "އާބަންކޯ" އަށް ބަދަލުކޮށް، އެ ކުންފުނި ރީބްރޭންޑް ކުރުމާ ގުޅޭ ކަންކަމަށް 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ ތަނުން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އާއްމު މީހަކު ފޮނުވި ސުވާލަކަށް މިދިޔަ އަންގާރަ ދުވަހު ދިން ޖަވާބުގައި ބުނީ، އެޗްޑީސީ ރީބްރޭންޑް ކުރުމަށް މިހާތަނަށް 1،284،291 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އެކަމަކު، ރީބްރޭންޑް ކުރުމާ ގުޅޭ ކަންކަން ހަރަދު ކުޑަކޮށް، ބޭނުންވާ ތަކެތި ހޯދުމަށް އިސްކަންދީފައިވާ ކަމަށް ބުންޏެވެ.

- ގަލަމާއި ނޯޓު ފޮތް އަދި ފެންބޯމަގު ހިމެނޭ ކަސްޓަމައިޒްޑް ގިފްޓް ބޮކްސް.

- ބިލްޑިން ސައިނޭޖުތަކާއި މައި ނަން ބޯޑު އަދި ޑިޕާޓްމަންޓުތަކުގެ ނަން ބޯޑު ބަދަލުކުރުން.

- ވީޑިއޯ އަދި ފޮޓޯގްރަފީ.

- ދިދަ އާއި ޓެންޓު އަދި ޑިސްޕްލޭ ބެނާ ސްޓޭންޑް.

އެޗްޑީސީ ރީބްރޭންޑް ކުރުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދިދަ އާއި ޓެންޓު އަދި ޑިސްޕްލޭ ބެނާ ސްޓޭންޑަށެވެ. އެ ކަންކަމަށް 353،008ރ. ހަރަދުކޮށްފައިވެ އެވެ.

އޭގެ އިތުރަށް ވެސް ކުރަންޖެހޭ ހަރަދުތައް އެބަހުރި ކަމަށް ކުންފުނިން ބުންޏެވެ. އެއީ އާ ނަން "އާބަންކޯ" އިތުރަށް އިޝްތިހާރު ކުރުމާއި ސްޓާފް ބަހާއި ސްޕީޑު ބޯޓު އަދި ފެރީގެ ބްރޭންޑިން ފަދަ ކަންކަމެވެ. އިތުރަށް ކުރަންޖެހޭ ހަރަދުތައް 487،000ރ. އަށް އަރާނެ އެވެ. އެންމެ ބޮޑު ހަރަދެއް ކުރާނީ މުވައްޒަފުންގެ ބަހާއި ބޯޓު އަދި ފެރީ ބްރޭންޑުކުރުމަށެވެ.

އެހެންވެ، އެޗްޑީސީ ރީބްރޭންޑު ކުރުމަށް ޖުމްލަ ހަރަދުވާނީ 1.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް، ތަކެތި ހޯދުމުގައި ހިފަހައްޓާ މިންގަނޑުތަކުން އެ ހަރަދުތައް ކުޑަވާނެތީ، އެ އަދަދު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ލިޔުމުގައި ވެ އެވެ.

އެޗްޑީސީ އަކީ މާލޭގެ މީހުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އޮފީހުގެ ވަކި ޔުނިޓެއްގެ ގޮތުގައި 2001 ވަނަ އަހަރު އުފެއްދި ތަނެކެވެ. އޭގެ ފަހުން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމުގައި ވަކި ކުންފުންޏަކަށް ބަދަލުކުރި އެވެ. ހުޅުމާލެ ޕްލޭންކޮށް، ތަރައްގީކުރީ އެ ކުންފުނިންނެވެ. ފަހުން ހައުސިން ޑިވެޕްލޮޕްމަންޓް ކޯޕަރޭޝަން އަށް ބަދަލުކުރީ އެވެ.

ނަމަވެސް، އެ ކުންފުނީގެ ބެލުމުގެ ދަށުން ތިލަފުށި، ގުޅީފަޅު އަދި ކުޑަގިރި މިހާރު ހިންގަ އެވެ.

އަލަށް ފަށާ ހައުސިން މަޝްރޫއުތައް އެ ކުންފުނީގެ ދަށުން ނުހިންގައި، އެޗްޑީސީއަކީ އާބަން ތަރައްގީއަށް ހާއްސަ މަސައްކަތްތަކެއް ކުރާ ކުންފުންޏެއްގެ ގޮތުން ސަރުކާރުން ހަމަޖެއްސުމުން، ކުންފުނީގެ ނަމާއި ބްރޭންޑަށް ވެސް ބަދަލުކުރަން ބޯޑުން އޮކްޓޯބަރު 14، 2020 ގައި ނިންމި އެވެ. އަދި ބިޑް އުސޫލުން ރީބްރޭންޑު ކޮށްދޭނެ ފަރާތެެއް ހޯދުމަށް އިއުލާނުކޮށް، އެ މަސައްކަތް ކުރުމަށް ބަޔަކު ހަމަޖެއްސި ކަމަށް އެ ޖަވާބުތަކުގައި ވެ އެވެ.

އެޗްޑީސީގެ ނަން މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމަށް ބަދަލުކޮށް އަދި ބްރޭންޑު ނަމަކަށް އާބަންކޯ ކިޔުމަށް ނޮވެމްބަރު 10، 2021 ގައި ބޯޑުން ނިންމި އެވެ. އެކަމަކު، އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތަކާއި ނަގާފައިވާ ލޯނު އެގްރިމެންޓުތައް ބަދަލުކުރުމުގައި ދިމާވެދާނެ ދަތިތައް ބެލުމަށް ފަހު، އެޗްޑީސީގެ ބޯޑުން ނިންމީ ކޯޕަރޭޝަންގެ ނަން ބަދަލު ނުކުރުމަށެވެ. އަދި ކޯޕަރޭޝަނުން ކުރާ މަސައްކަތް ރަމްޒު ކޮށްދޭނެ ބްރޭންޑު ނަމަކަށް "އާބަންކޯ" ތައާރަފްކުރަން އޮގަސްޓް 31، 2022 ގައި ބޯޑުން ނިންމި އެވެ.

އެއާއެކު، ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ހަފުލާގައި ވަނީ "އާބަންކޯ" ލޯންޗުކޮށްފަ އެވެ. އެ ހަފުލާ އަށް ވެސް 343،545ރ. ހަރަދުކޮށްފައިވެ އެވެ. އެއީ ސްޓޭޖާއި ސައުންޑު ފަދަ ކަންކަމަށް ކުރި 175،000ރ. އަދި މުވައްޒަފުންގެ ކެއުމަށް ކުރި 104،125ރ. ގެ ހަރަދެވެ.