24 ޖެނުއަރީ 2017 - 06:04

ބޮލީވުޑްގައި ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ބައެއް ތަރިން މިހާރަކަށް އައިސް ޓީވީ ޝޯތަކުން ފެނުމަކީ ވަރަށް އާންމު ކަމެކެވެ. އުމުރުން ވަކި ހިސާބަކަށް ދިއުމުން ފިލްމުތަކުން ލީޑް ރޯލު ނުލިބެން ފެށުމުން ފިލްމު ކުޅުމާ ދުރަށް ގޮސްފައި ތިބޭ މިފަދަ ބަތަލާއިންނަށް ޓީވީ ޝޯތަކުން ވަރަށް ރަނގަޅު ރޯލުތައް ލިބެ އެވެ.
ފިލްމީ ބަތަލާ ޖޫހީ ޗައުލާ ވެސް ވަރަށް އަވަހަށް ޓީވީ ސްކްރީނުން ފެނިދާނެކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
ފިލްމު އުފައްދާ މީހެއްކަމަށްވާ ކުނާލް ކޯލީއާ އެކު ޖޫހީ މިހާރު ދަނީ "ދޯ ދިލް" ކިޔާ ސިލްސިލާއެއްގައި ބައިވެރިވުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. މި ޝޯ ހަދާނީ ޓީވީ ޝޯއަކަށްތޯ ނުވަތަ ވެބް ސީރީޒް އަކަށްތޯ އަދި ނުނިންމަ އެވެ.
ޖޫހީ ބުނީ އޭނާ ވަރަށް އަވަހަށް ޓީވީ ޝޯއަކުން ފެނުމުގެ ފުރުސަތު އޮތް ނަމަވެސް އެކަން އަދި 100 ޕަސެންޓް ޔަގީން ނުވާ ކަމަށެވެ. މި ޝޯގައި ވަރަށް މަޝްހޫރު ގިނަ އެކްޓަރުންތަކެއް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ ކުރިން ޓީވީ ޝޯތައް ކުޅުމަށް ޖޫހީ ވަނީ ދެކޮޅުހަދާފަ އެވެ. އެކަމުގެ ބުރަކަމާއި ހޭދަކުރަންޖެހޭ ވަގުތު ގިނަ ކަމުންނެވެ. ނަމަވެސް ޖޫހީ ބުނީ މިހާރު ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު ހުރިހާ ކަމެއް ވެސް ކުރިއަށް ވުރެ މާ ބޮޑަށް ފަސޭހަ ވެފައިވާ ކަމަށެވެ.