19 އެޕްރީލް 2023 - 23:39

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން އިސްތިސްނާ ވާ ހާލަތްތަކެއް ހިމަނައި ގާނޫނަށް އިސްލާހު ކުރަން ހުށަހަޅާފައިވާ ކަމަށާއި އޭރުން މިހާރު ކުރިމަތިވެފައިވާ ކޮތަޅުގެ ތަކުލީފު ހައްލުވާނެ ކަމަށް އެންވަޔަމެންޓް މިނިސްޓްރީން ބުނެފި އެވެ.
ވިޔަފާރިތަކުން ކަސްޓަމަރަށް ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑިއެއްގެ އަގު ކުރިއަށް ވުރެ ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ. އެކަމާ އާންމުންގެ ފާޑުކިޔުން ވެސް ވަނީ ބޮޑުވެފަ އެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޕްލާސްޓިކް ކޮތަޅު ބޮނޑިއެއްގެ އަގު އެހާ ބޮޑުވާން ދިމާވި ސަބަބަކީ ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ނަމަ ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހޭތީ ކަމަށެވެ.
")އެހެންވަނީ( އާންމު ގޮތެއްގައި ކޮތަޅު ބޮނޑިއެއްގައި ހުންނަނީ 100 ކޮތަޅު ކަމަށް ވެފައި ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ޖުމްލަ 200ރ. ފީއެއްގެ ގޮތުގައި ދައްކަން ޖެހުމެވެ. ކުނި މެނޭޖްކުރުމުގެ ގާނޫނު ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ބޮނޑި ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމަނައިފަ އެވެ،"
ނަމަވެސް އެ ބިލު މަޖިލީހުން ފާސްވެގެން އައި އިރު އެ މާއްދާ އުނިކުރެވިފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
"މި މާއްދާ އުނިކުރެވިފައި ވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިންމު ބިލަކަށް ވާތީވެ، ސަރުކާރުން ނިންމީ ތަސްދީގުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތައް ހައްލު ހޯދައިދިނުމަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެ އިސްލާހު މިދިޔަ މަހު މަޖިލީހަށް ހުށަހަޅާފައި ވާނެ ކަމަށާއި އެ އިސްލާހު ފާސްވުމުން އެ ކަމަށް ހައްލު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ސަރުކާރުން ނިންމީ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ކުރުމަށެވެ. ތިމާވެއްޓާ ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް އެންވަރަމެންޓް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.