ޔޫކްރޭން ބޯޓު ވައްޓާލި އޮފިސަރުން އީރާނުން ޖަލަށް ލައިފި
ޔޫކްރޭން ބޯޓު ވައްޓާލި އޮފިސަރުން އީރާނުން ޖަލަށް ލައިފި

ޔޫކްރެއިން އެއާލައިންގެ ބޯޓެއް 2020 ވަނަ އަހަރު ވައްޓާލި މައްސަލައިގައި ކުށް ސާބިތުވި އީރާނުގެ އަސްކަރިއްޔާގެ 10 މެމްބަރަކު ޖަލަށް ލާން އީރާނުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ތެހެރާނުގެ އެއާޕޯޓުން އެ ބޯޓު އުދުހުނު ވަގުތު ބަޑި ޖަހައި ވައްޓާލުމުން، އޭގައި ތިބި 176 މީހުން މަރުވި އެވެ. އޭގައި ގިނައީ އީރާނާއި ކެނެޑާގެ ރައްޔިތުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ވައްޓާލަން އަމުރުކުރި ކޮމާންޑަރަކަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. ބާކީ ނުވަ އޮފިސަރުން ޖަލަށްލީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތުތަކަށެވެ.

އެކަމަކު އީރާނުން އެއްވެސް މީހެއްގެ ނަމެއް ހާމައެއް ނުކުރެ އެވެ.

ޔޫކްރޭނުގެ ކިއޭފް އަށް ދަތުރުކުރި އެ ބޯޓު ވައްޓާލިތާ ތިން ދުވަސް ފަހުން އީރާނުގެ އަސްކަރިއްޔާ އިން ވަނީީ ގޯހެއް ހެދުނު ކަމަށް އެއްބަސްވެފަ އެވެ.

މިދިޔަ ޖެނުއަރީ މަހު އީރާން ސަރުކާރުން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ބަދަލުދޭން ފަށައިފަ އެވެ.

މަރުވި މީހުންގެ އާއިލާތަކުން އުފައްދާފައިވާ އެސޯސިއޭޝަނުން ވަނީ މި މައްސަލަ ވަކި ފަރާތަކަށް ނުޖެހޭ ބައިނަލްއަގްވާމީ ކޯޓަކުން ބަލަން ގޮވާލައިފަ އެވެ.