ހަންގޭރީގެ މަޝްހޫރު ޕިއާނިސްޓް ބެންސް އަންނަ މަހު ރާއްޖެ އަށް
ހަންގޭރީގެ މަޝްހޫރު ޕިއާނިސްޓް ބެންސް އަންނަ މަހު ރާއްޖެ އަށް

އެންމެ އަވަހަށް ފިއާނޯ ކުޅުމުގެ ދުނިޔޭގެ ރެކޯޑް 2012 ގައި ހޯދި ހަންގޭރީގެ މަޝްހޫރު އަދި ޒުވާން ޕިއާނިސްޓް ޕީޓާ ބެންސް އަންނަ މަހު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޭނާ ރާއްޖެ ގެންނަނީ ފައުންޑޭޝަން ފޮ ބެޓަ ފިއުޗާ އާއި އައިލެންޑާސް އިން ހިންގާ ބިލަބޮންގް އިންޓަނެޝަނަލް ހައި ސްކޫލް ގުޅިގެންނެވެ.

އަންނަ މަހު 2-9 އަށް ޕީޓާ ކުރާ މި ދަތުރުގައި ސްކޫލް ކުދިންނާއި ރާއްޖޭގެ މިއުޒިކް އާއިލާގެ ހާއްސަ ފަރާތްތަކަށް ދައުވަތު ދީގެން އޮލިމްޕަހުގައި ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ހާއްސަ އިވެންޓެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

އައިލެންޑާސް ގްރޫޕްގެ ސީނިއަ މެނޭޖަ، މާކެޓިން ކޮމިއުނިކޭޝަންސް، ޝަމީސް ރަޝީދު (ޝޭން) ވިދާޅުވީ ބެންސް ރާއްޖެ ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކިޔަވާ ކުދިންނަށް ތަފާތު ހުނަރެއް ދައްކާލުން ކަމަށެވެ.

ކިޔެވުމާ އެއްވަރަށް މިއުޒިކާއި ކްރިއޭޓިވިޓީ ފަދަ ދާއިރާތައް ދަރިވަރުންނަށް މުހިއްމު ވާތީ، އެފަދަ ކަންކަމަށް ލޯ ހުޅުވައިދިނުމަކީ ވެސް އެއް ބޭނުން ކަމަށް ޝޭން ވިދާޅުވި އެވެ.

"ބެންސަށް ބަލައިފި ނަމަ އޭނާއަކީ އޭނާގެ ހުރި މިއުޒިކް ޓެލެންޓް ދައްކާލައިގެން، އެތައް ބައެއްގެ ސަމާލުކަން ހޯދި ފަންނާނެއް. އެ ހުނަރުތަކާ އެކު އޭނާ މިހާރު އެ އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޓުއާތައް ބާއްވައި ހުނަރުތައް ދައްކާލަމުން،" ޝޭން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮލިމްޕަހުގައި ބާއްވާ އިވެންޓް ކުރިއަށް ގެންދާނީ މާލޭގެ ވަރަށް ގިނަ ސްކޫލްތަކަށް ދައުވަތު ދީގެން ކަމަށެވެ.

އެ އިވެންޓްގައި ޕީޓާއާ އެކު ރާއްޖޭގެ މަޝްހޫރު ބޭންޑެއް ކަމަށްވާ ޑިޓިއުން ބޭންޑުން ވެސް ބައިވެރިވާނެ އެވެ. އަދި މި އިވެންޓްގައި ޕީޓާގެ ޕިއާނޯ ކުޅުމުގެ ހުނަރުގެ އިތުރުން ދުނިޔޭގެ މަޝްހޫރު ބައެއް ފަންނާނުންގެ ލަވަތައް ޕަފޯމް ވެސް ކުރާނެ އެވެ.

އޭގެ ތެރޭގައި ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަނާއި ޖަސްޓިން ޓިމްބަލޭކް އަދި ސިއާގެ ލަވަތައް ހިމެނެ އެވެ.

"މި އިވެންޓްގައި ޑިޓިއުން ބޭންޑް ވެސް ބައިވެރި ވާނެ. ރާއްޖެ އަށް ބަލައިފި ނަމަ އެ ބޭންޑަކީ ކެރިއާއެއްގެ ގޮތުގައި ވަރަށް ސީރިއަސްކޮށް މިއުޒިކް ކުޅެގެން އާމްދަނީ ހޯދާ ބޭންޑެއް. އެހެންވީމަ މިއުޒިކް ފީލްޑުން ރާއްޖޭގައި މިހާރު ސްކޯޕް އެބަ އޮތްކަން ދައްކުވައިދޭ،" ޝޭން ވިދާޅުވި އެވެ. "މިހާރުގެ ކިޔަވާ ކުދިންނަށް މި ދާއިރާއިން އެ ފުރުސަތުތައް ހުރިކަމާއި ކުރިއަށް ދެވިދާނެކަމާއި ދޮރުތައް ހުޅުވެމުންދާކަން އަންގައި ދިނުން އަޅުގަނޑުމެންގެ އެއް ބޭނުމަކީ."

ޕިއާނޯ ކުޅުމުގެ އިތުރަށް ބެންސަކީ މިއުޒިކް ކޮމްޕޯޒްކޮށް، ސައުންޑް ޑިޒައިނަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ހުނަރުވެރިއެކެވެ.

ޕިޔާނޯ ކުޅެގެން އޭނާ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި އިރު، ބެންސް ޕިއާނޯ ކުޅެން ފެށީ އުމުރުން އެންމެ ހަތް އަހަރުގަ އެވެ.

އެމެރިކާގެ ބާކްލީ ކޮލެޖް އޮފް މިއުޒިކް އުން މާސްޓާ އޮފް އާޓްސް އިން ފިލްމް ސްކޯރިން އެންޑް އިލެކްޓްރޯނިކް ޕްރޮޑަކްޝަން އެންޑް ޑިޒައިން ފުރިހަމަކޮށްފައިވާ ބެންސް، 25، ވަނީ މިހާތަނަށް ދެ އަލްބަމެއް ވެސް ނެރެފަ އެވެ.

އެއީ 2004 ގައި ނެރުނު "ގްރީން މިއުޒިކް" އާއި 2008 ގައި ނެރުނު "ނައިޓްފޯލް" އެވެ.