އިންޑިއާގެ ބޮޑު ދެ ކުށްވެރިއަކު ލައިވް ޓީވީގައި ބަޑިޖަހައި މަރާލައިފި
އިންޑިއާގެ ބޮޑު ދެ ކުށްވެރިއަކު ލައިވް ޓީވީގައި ބަޑިޖަހައި މަރާލައިފި

ނޫސްވެރިންނަށް ހެދިގެން އުޅުނު ބަޔަކު، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު އަތީގް އަހުމަދާއި އޭނާގެ ބޭބެ އަޝްރަފް އަހުމަދަށް ލައިވް ޓީވީގައި ބަޑިން ހަމަލާދީ މަރާލައިފި އެވެ.

ރަހީނު ކުރުމުގެ ކުށް ސާބިތުވެގެން 2019 އަހަރުން ފެށިގެން ޖަލުގައި އޮތް އަތީގް އާއި އަޝްރަފް މަރާލީ، މެޑިކަލް ޓެސްޓެއް ހެދުމަށް ހޮސްޕިޓަލަށް ގެންދަނިކޮށް، ފުލުހުންގެ ހާޒިރުގައި އިންޓަވިއު ދެނިކޮށް، އިންޑިއާގެ އުތުރު ޕްރަޔާގްރަޖްގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބަޑިޖެހި މީހުން ތިބީ އޮޅުވާލަން ވެގެން ކެމެރާ އާއި މީޑިއާ ލޯގޯ ޖެހި މައިކް ހިފައިގެންނެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ބަޑި ޖެހި މީހުން ދިޔައީ ހިންދޫ ޝިޔާރުތައް ގޮވަމުންނެވެ. އަތީގާއި އަޝްރަފަކީ މުސްލިމުން ކަމަށްވީ ނަމަވެސް މިއީ ދީނީ ގޮތުން ދިން ހަމަލައެއްގެ ގޮތުގައި، ތަހުގީގުކުރާ ކަމަށް ފުލުހުން ނުބުނެ އެވެ.

މިކަން މި ހިނގީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ އަށް ތާއީދުކުރާ ހިންދޫން، އިންޑިއާގެ މުސްލިމުންނާ ދެކޮޅު އަމަލުތައް ހިންގަމުންދާ ދުވަސްވަރެއްގަ އެވެ. އިދިކޮޅު ޕާޓީތަކުން ވަނީ މި ހަމަލާ ވެސް ނުސީދާކޮށް އެކަމާ ގުޅުވައިފަ އެވެ.

އިންޑިއާގެ އަންޑަވޯލްޑް ބޮޑެތި ކުށްވެރިންގެ ތެރޭ ހިމެނޭ މި ދެބެންގެ ތެރެއިން އަތީގަށް ތުހުމަތުކުރެވޭ ކުށުގެ 100 އަށް ވުރެ ގިނަ ކޭސް އެބައޮތެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފުލުހުން ވަނީ މަރުގެ މައްސަލައެއްގައި ހޯދަމުން އައި އަތީގްގެ 19 އަހަރުގެ ދަރިފުޅާއި އެ ގޭންގުގެ ބައެއް މެމްބަރުން، ޝޫޓްއައުޓެއްގައި މަރާލައިފަ އެވެ.