ސޫދާނުގައި ހަނގުރާމައެއް، 50 އަށް ވުރެ ގިނަ އާއްމުން މަރުވެއްޖެ
ސޫދާނުގައި ހަނގުރާމައެއް، 50 އަށް ވުރެ ގިނަ އާއްމުން މަރުވެއްޖެ

ސޫދާނުގެ އަސްކަރިއްޔާ އާއި އެ ގައުމުގެ އަސްކަރީ ޖަމާއަތާ ދެމެދު އިއްޔެ ފެށި ހަނގުރާމައެއްގައި އާއްމުންގެ 50 އަށް ވުރެ ގިނަ މީހުން މަރުވެ 600 އެއްހާ މީހުން ޒަހަމްވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން އަސްކަރީ ބަގާވާތެއް ގެނެސް، އަސްކަރީ ޖެނެރަލުން ވެރިކަން ކުރަމުން އަންނަ ސޫދާނުގައި މި ހަނގުރާމަ ފެށުނީ، މަދަނީ ސަރުކާރެއް ގާއިމްކުރުމުގެ މައްސަލައިގައި ދެ ފަރާތުގެ މެދުގައި އުފެދުނު ދެބަސްވުމަކާ ގުޅިގެންނެވެ.

ހަނގުރާމަ ހިނގަނީ ގައުމުގެ ޑި ފެކްޓޯ ލީޑަރު ޖެނެރަލް އަބްދުލްފައްތާހު އަލް-ބުރްހާން އަށް ވަފާތެރި އަސްކަރީ ޔުނިޓްތަކާއި، ސޫދާނުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ހަމްދާން ޑަގަލޯގެ ކޮމާންޑާރުކަމުގެ ދަށުގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ މެދުގަ އެވެ.

ރިޔާސީ ގަނޑުވަރާއި، ދައުލަތުގެ ޓީވީ ސްޓޭޝަނާއި، ސިފައިންގެ މަރުކަޒުގެ ކޮންޓްރޯލް ނެގުމުގެ މަގުސަދުގައި ބަދަލުކުރަމުންދާ ހަމަލާތަކުގައި ވެރިރަށް ޚަރްތޫމް އިން އެކަނި ވެސް އާއްމުންގެ 17 މީހުން ހިމެނޭހެން 25 މީހަކު މަރުވެފައިވާ ކަމަށްވެ އެވެ. މަރުވި ސިފައިންގެ ތަފްސީލެއް ނުލިބުނަސް ރިޕޯޓްތައް ބުނާ ގޮތުގައި އެ އަދަދު ވެސް މަތިވާނެ އެވެ.

މީގެ އިތުރުން އެ ގައުމުގެ ހުޅަނގު ސަރަހައްދެއްގައި ހިނގި ހަމަލާ ބަދަލުކުރުމެއްގައި، އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމުގެ ތިން މުވައްޒަފަކު ވެސް މަރުވެފައިވާ ކަމަށްވެ އެވެ. މިއީ ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެޅުނު ހުރަހެކެވެ.

ސޫދާނުގެ ހާލަތާ މެދު ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ސުލްހަ އިސްކުރުމަށް ގޮވާލައިފަ އެވެ.

އާރްއެސްއެފް އިން ބުނަނީ އަސްކަރީ ހުރިހާ މަރުކަޒެއްގެ ކޮންޓްރޯލް ލިބެންދެން ހަމަލާ ދެމުންދާނެ ކަމަށެވެ. އަނެއްކޮޅުން އަސްކަރިއްޔާ އިން ބުނީ އާރްއެސްއެފް އުވާނުލަނީސް ސުލްހައިގެ މޭދުދޮށަށް ނުދާނެ ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން ވަރަށް ގިނަ އެއާލައިންތަކުން ވަނީ ޚަތްރޫމް އަށް ދަތުރުތައް ހުއްޓާލައިފަ އެވެ. އަދި އަވަށްޓެރި ޗާޑުން ވަނީ ބޯޑަރު ބަންދުކޮށްފަ އެވެ.