ކޮންމެ ރޯދަ މަހަކާ ދިމާކޮށް ދިރާގުން އަންނަނީ އިޖުތިމާއީ އެކި މައްސަލަތަކާ ގުޅުވައި މުހިންމު މެސެޖުތަކެއް ކުރު ފިލްމުތައް މެދުވެރިކޮށް ދެމުންނެވެ. މި އަހަރު ދިރާގުން ކަނޑައަޅާފައިވާ "މަންމަގެ އަގު ވަޒަން ކުރަމާ" ޝިއާރުގެ ދަށުން ރޯދަ މަސް ފެށުމުގެ ހަފްތާއެއް ކުރިން އެ ޝިއާރުގެ ދަށުން ކުރު ފިލްމެއް ނެރުނެވެ.

މިދިޔަ ހަފްތާގައި ދިރާގުން ވަނީ އެ ޝިއާރުގެ ދެ ވަނަ ކުރު ފިލްމު ނެރެފަ އެވެ.

މި ފަހަރުގެ ކުރު ފިލްމުގައި ދައްކައިދެނީ ދަރިފުޅުގެ ފުރަތަމަ ނޭވާއިން ފެށިގެން އެ ދަރިފުޅަށް މަންމަގެ ހިދުމަތްތައް ދޭން ފަށާ މަންޒަރެވެ. އުމުރުގެ ހުރިހާ ހިސާބެއްގައި އެ މަންމަ ދަރިފުޅުގެ ހިދުމަތުގައި ހުންނަ މަންޒަރުތަކެވެ. އެކަމަކު ދަރިފުޅު އެ ހިދުމަތްތައް ބަލައިނުގަނެ އަގު ވަޒަންނުކުރާ މަންޒަރެވެ.

މި ކުރު ފިލްމު ފެށޭއިރު ދައްކަނީ މީހަކު ޕާކަކަށް ގޮސް އަންހެނެއް ގާތުގައި އިށީންނަ މަންޒަރެވެ. އެ މީހާ ކޮއްކޯއޭ ކިޔައި ނުދަންނަ މީހަކާ ވާހަދައްކާ ގޮތަށް ވާހަކަ ފަށަ އެވެ. އެކަމުގެ ސަބަބުން އޭނާގެ ގާތު އިން މީހާއަށް ނުހަނު އަސަރުކުރެ އެވެ. އަދި ވަގުތު ފާއިތުވެއްޖެ ކަމަށް ބުނެ އޭނާ މަޒީގެ ތެރެއަށް ފީނައި ގަނެ އެވެ.

އޭނާގެ މާޒީގައި ދައްކައިދެނީ އޭނާގެ މަންމައާ މެދު އޭނާ ކަންތައް ކޮށްފައިވާ އިހާނެތި ގޮތެވެ. ބިޒީ ކަމަށް ބުނެ މަންމައަށް ވަގުތު ނުދިނުމާއި މަންމަ ދެކެ އެކި ކަންކަމުގައި އިންތިހާއަށް ރުޅި އައިސް އެއްޗެހި ކިޔުން ފަދަ އިހާނެތި ކަންތައްތައް ކުރާ މަންޒަރު ފެނެ އެވެ. އޭނާގެ މަންމަގެ ގޮތުގައި ދައްކަނީ އޭނާގެ ގާތުގައި ޕާކުގައި އިން އަންހެން މީހާ އެވެ.

ހަތަރު މިނެޓުގެ އަސަރުގަދަ އެ ކުރު ފިލްމު ނިންމާލަނީ އެ މީހާ އާއި ބެލުންތެރިން ރޮއްވާލަމުންނެވެ. ފިލްމު ނިމޭ އިރު އޭނާގެ މަންމަ އޭނާއަށް "ދަރިފުޅާއޭ" ގޮވައި ބައްދާލަ އެވެ. ފިލްމް ނިމޭއިރު އޭނާގެ މަންމައަށް "އަލްޒައިމާސް" ބަލި ޖެހި އޭނާ އަކީ ދަރިފުޅުކަން ހަނދާން ނެތިފައިވާކަން އެނގެ އެވެ.

އެ ފިލްމު ނިންމާލަނީ މަންމަގެ އަގުވަޒަން ކުރުމަށް ބާރުއެޅުމުގެ ވަރުގަދަ މެސެޖަކުންނެވެ.

ދިރާގުން ބުނި ގޮތުގައި އެ ފިލްމުގެ އަމާޒަކީ ދުނިޔޭގެ ހަލަބޮލިކަންމަތީ މައިންބަފައިންނަށް ދޭން ޖެހޭ އަޅާލުން ނުދެވޭކަމާ މެދު ވިސްނައި މަންމައާ މެދު ފަރުވާކުޑަކުރެވޭ ކުޑަކުރެވުމާ މެދު ވިސްނާލުމަށް ފުރުސަތު ދިނުމެވެ. އަދި އެ ކަން އިސްލާހުކޮށް މަންމައަށް ދޭން ޖެހޭ އަޅާލުން އިސްކުރުމަށް ބާރު އެޅުމެވެ.