ފުރަތަމަ ޗީފް އިންޓާނަލް އޮޑިޓަރަކަށް ސަލާހާ
ފުރަތަމަ ޗީފް އިންޓާނަލް އޮޑިޓަރަކަށް ސަލާހާ

ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ފުރަތަމަ ފަހަރަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން، ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ހއ. ފިއްލަދޫ، ނިއުސްޓާ ފާތިމަތު ސަލާހާ މިދިޔަ ބުރާސްފަތި ދުވަހު ހަމަޖައްސާފައިވާ ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގަ އެވެ.

އޭނާ އެންމެ ފަހުން ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަގާމުގަ އެވެ. އޭގެ ކުރިން ސަލާހާ ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑުގައި މެނޭޖަރު، ފައިނޭންސް އެންޑް އެކައުންޓްސް މަގާމު އަދި އޮޑިޓަރު ޖެނެރަލްގެ އޮފީހުގައި ފައިނޭންޝަލް އިންސްޓިޓިއުޝަންސްގެ މެނޭޖަރުގެ މަގާމު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަލާހާ އަކީ 2014 ވަނަ އަހަރުން ފެށިގެން އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓްފިކެޓްޑް އެކައުންޓެންޓްސް ގެ މެންބަރެކެވެ. ރާއްޖޭގެ ޗާޓާޑް ސެޓްފައިޑް އެކައުންޓެންޓުގެ މެމްބަރަކަށް ވެސް މި އަހަރު ބަދަލުވި އެވެ.