16 އެޕްރީލް 2023 - 14:36

ކާޑީޒް (އޭޕްރީލް 16) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި އިނގިރޭސިވިލާތުގެ ލަންޑަނުގައި ޗެލްސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގައި 2-0 އިން ކާޑީޒް ބަލިކޮށްފި އެވެ.
ރެއާލުން މެޗުގައި ދެ ގޯލު ވެސް ޖެހީ ފަހު ހާފުގަ އެވެ. އެޓީމަށް ލީޑު ނަގައިދިނީ 72 ވަނަ މިނިޓުގައި ޑިފެންޑަރު ނާޗޯ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއިންނެވެ. އަދި ހަތަރު މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ މާކޯ އަސެންސިއޯ އެވެ.
މި މެޗުގައި ކާޑީޒްގެ އަލްފޮންސޯ އެސްޕީނޯ އާއި ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާގެ ހަމަލާއެއް ވެސް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒު ވެފަ އެވެ.
މި ނަތީޖާއާ އެކު ރެއާލް މެޑްރިޑް ލީގުގެ ދެވަނައިގައި އޮތީ 29 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ ވަނީ 28 މެޗުން 72 ޕޮއިންޓް ހޯދައިފަ އެވެ.
ބާސެލޯނާ ލީގުގައި ކުޅޭ 29 ވަނަ މެޗުގައި މިރޭ ރަށުން ބޭރުގައި ގެޓާފޭއާ ދެކޮޅަށް ނުކުންނާނެ އެވެ.
ރެއާލް މެޑްރިޑް ވަނީ މިދިޔަ ހަފްތާ ފުރަތަމަ ލެގުގައި 2-0 އިން ޗެލްސީ ބަލިކުރި މެޗުގެ ކުރިން، ލީގުގައި ވިޔަރެއާލް އަތުން ބަލިވެފަ އެވެ.
ދެވަނަ ލެގާ ކުރިމަތިލާއިރު ޗެލްސީ ވެސް ވަނީ ރޭ ލީގުގައި އަމިއްލަ ދަނޑުގައި 2-1 އިން ބްރައިޓަން އަތްދަށުވެފަ އެވެ.