16 އެޕްރީލް 2023 - 13:55

ޓްރީ ޓޮޕް ހޮސްޕިޓަލުން ބަނޑަށް ހަ މަހުގައި މީހަކު ވިއްސައި، ތުއްތު ކުއްޖާ ސަލާމަތްކޮށްފި އެވެ.
އެ ހޮސްޕިޓަލުން މީގެ ކުރިން ވެސް ދުވަސް ނުފުރާ މީހުން ވިއްސަ އެވެ. އެކަމަކު، އެ ތުއްތު ކުއްޖާއަކީ 26 ހަފްތާގައި ވިއްސައި ފަރުވާދިން ފުރަތަމަ ކުއްޖާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ތުއްތު ކުއްޖާ އުފަންވި އިރު ބަރުދަނުގައި ހުރީ 885 ގުރާމެވެ.
ދެ މަސް ދުވަހުގެ ފަރުވާ އަށް ފަހު މައިމީހާ އާއި ތުއްތު ކުއްޖާ މިހާރު ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. އަދި ޓްރީޓޮޕުން އެކަން ސިފަ ކުރަނީ ކާމިޔާބު ކަމެއްގެ ގޮތުގަ އެވެ.
ތުއްތު ކުއްޖާ އަށް ފަރުވާ ދިން ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ސީނިއާ ކޮންސަލްޓެންޓް ނިއުނަޓޮލޮޖިސްޓް ޑރ. އިންގްރިޑް ވިދާޅުވީ އެ ކުއްޖާ އުފަންވީ ފުރާނަ އަށް ވަރަށް ނުރައްކާވެ ދެންވެދާނެ ގޮތެއް ލަފާ ކޮށްލަން ވެސް އުނދަގޫ ސްޓޭޖެއްގައި ކަމަށެވެ. އަދި ބޮޑު ކޮމްޕްލިކޭޝަނެއް ނެތި ފަރުވާ ދީ، ގެއަށް ދޫކޮށްލެވިފައި ވުމަކީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މުޅި ކެއަ ޓީމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ އަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ޓްރީ ޓޮޕުން ބުނީ އެ ތުއްތު ކުއްޖާ އަށް ދިން ފަރުވާއާ މެދު އެ ކުއްޖާގެ މައިންބަފައިން ވެސް ވަރަށް ހިތްހަމަޖެހިފައި ތިބި ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހޮސްޕިޓަލްގެ ނިއުނަޓޮލޮޖީ އާއި ޕީޑިއާޓްރިކްސް ޑިޕާޓްމެންޓަކީ ކުޑަކުދިންނަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ ސިއްހީ ހިދުމަތްތައް އެންމެ ރަނގަޅު ފެންވަރުގައި ފޯރުކޮށް ދިނުމަށް ހާއްސަ ކޮށްފައިވާ ޑިޕާޓްމެންޓެކެވެ.
އެ ޑިޕާޓްމަންޓުން އެންއައިސީޔޫ އަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދި ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ހިދުމަތްތަކާއި ފަރުވާތައް ވެންޓިލޭޓަރާއި އިންކިއުބޭޓާރާއި އިންފިއުޝަން ޕަމްޕް ފަދަ ތަފާތު އިކުއިޕްމެންޓްތަކުން ފޯޜުކޮށްދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ދުވަސް ނުފުރާ ވިހެއުމަކީ މާބަނޑު މީހާގެ ބަނޑަށް 37 ހަފްތާވުމުގެ ކުރިން ވިހެއުމެވެ. މި ފަދަ ގޮތަކަށް ކުދިން އުފަންވުމަކީ އެ ކުދިންގެ ސިއްހަތަށް ވަރަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާ ކަމެކެވެ.
ދުވަސް ނުފުރާ ވިހެއުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މާބަނޑުއިރު އިންފެކްޝަން އުފެދުމާއި، މާބަނޑުވުމުގެ ކުރިން ހަކުރު ބަލި ހުރުމާއި ލޭ މައްޗަށް ދިއުމާއި ކިޑްނީ ބަލިތައް ހުރުމާއި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ބަލިވެއިނުން ހިމެނެ އެވެ. އަދި ރަހިމުގެ އެކިއެކި މައްސަލަތައް ހުރުމާއި ސިނގިރެޓް ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިޝަން ނުލިބުމަކީ ވެސް ދުވަސް ނުފުރާ ވިހެއުމަށް މެދުވެރިވާ ކަންތަކެވެ.