ދަރިން ފިލްމު ކުޅޭނީ ކިޔަވައި ނިންމައިގެން: ޝާހުރުކު
ދަރިން ފިލްމު ކުޅޭނީ ކިޔަވައި ނިންމައިގެން: ޝާހުރުކު

ޝާހްރުކް ޚާންގެ ތިން ދަރިން ދެކެ އޭނާ ވާ ލޯތްބަކީ ކޮންމެ ބައްޕައަކަށް ވެސް މިސާލެކެވެ. އެ ކުދިންނާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ވެސް ޝާހްރުކް އެ ކުދިން ދެކެ ވާ ލޯބި ހާމަވެ އެވެ.

ޝާހްރުކްގެ އާ ފިލްމު "ރައީސް"ގެ ޕްރޮމޯޝަންގައި އުޅޭއިރު އޭނާއާ ނޫސްވެރިން އެންމެ ގިނައިން ސުވާލުކުރަނީ ވެސް ދަރިން ފިލްމު ކުޅެން ފެށުމާ ބެހޭ ގޮތުންނެވެ. ޖަވާބުގައި، ދަރިން ފިލްމީ މައިދާނަށް ނުކުންނަން ޝައުގުވެރިކަން ނެތް ކަމަކަށް ޝާހްރުކް ނުބުނެ އެވެ.

ދާދިފަހުން އިންޑިޔާގެ މަޝްހޫރު ނޫހަކަށް އޭނާ ދީފައިވާ އިންޓަވިއުއެއްގައި ބުނީ ފިލްމީ މައިދާނަށް ވަނުމާ ބެހޭ ގޮތުން އޭނާ އެއްވެސް ކުއްޖަކާ ވާހަކަ ދައްކާ ނޫޅޭ ކަމަށެވެ. ނަމަވެސް އަންހެންދަރިފުޅު ސުހާނާ ބަތަލާއަކަށް ވާން ބޭނުންކަން އެނގިފައިވާ ކަމަށް ޝާހްރުކް ބުންޏެވެ.

"ފަހަރެއްގައި ވެދާނެ ސުހާނާ ބޭނުން ވަނީ ފިލްމު ކުޅެން ކަމަށް ވެސް. ނަމަވެސް މި ވަގުތު އޭނާގެ ޚިޔާލު ހުރީ ތިއޭޓާ އަށް. ފިރިހެން ދަރިފުޅު އާރްޔަން ގޮތެއް ނޭނގެ. އެކަމަކު ބައެއް މީހުން އަހަރެން ކައިރީ ބުނޭ އޭނާ ވަރަށް ފިލްމު ސްޓާރަކާ ވައްތަރޭ،" ޝާހްރުކް ބުނެފައި ވެއެވެ.

ޝާހްރުކް ބުނި ގޮތުގައި އޭނާ ބޭނުންވަނީ އާރްޔަން ވެސް އަދި ސުހާނާ ވެސް ތައުލީމު ހާސިލުކުރުމަށް އެކި ތަންތަނަށް ދިއުމަށެވެ. އަދި މަޝްހޫރު މީހެއްގެ ދަރިންނަށް ވީތީ އެ ކުދިންނަށް އުފުލަންޖެހިފައިވާ ބުރައިން ސަލާމަތްވެ އެއްގޮތަކަށް ވެސް އެ ކުދިންނަކީ ކޮން ބައެއްކަން ނޭނގޭ ތަންތަނުން އެ ކުދިން ކިޔަވަން ޝާހްރުކް ބޭނުންވެ އެވެ. ނަމަވެސް ގޫގުލް އާ ހެދި އެކަން ވެސް ނުވި ކަމަށް އޭނާ ބުނެފައި ވެއެވެ.

"ރައީސް"ގެ ބަތަލު ބުނީ ދަރިން ފިލްމީ ދުނިޔެ އަށް ވަނުމަކީ އޭނާ އުފާވާނެ ކަމެއް ކަމަށެވެ. އެކްޓަރަކަށް ވިޔަސް ކެމެރާމަނަކަށް ވިޔަސް މައްސަލައެއް ނެތް ކަމަށާއި އޭނާގެ އޮތް ހަމައެކަނި ޝަރުތަކީ ގުރެޖުއޭޓްވުމަށް ފަހު ފިލްމީ މައިދާނަށް ނުކުތުމެވެ. އަދި ޕޯސްޓް-ގްރެޖުއޭޝަން ހަދައިފިނަމަ ގެއިން މާ މީރު ކާ އެއްޗެހި ލިބޭނެ ކަމަށް، އެންމެން ހެއްވާލަމުން ޝާހްރުކް ބުނެފައި ވެއެވެ.

ޝާހްރުކްގެ ފިރިހެން ދަރިފުޅު އެކްޓަރެއްގެ ގޮތުން ފިލްމީ ދުނިޔެ އަށް ތައާރަފްވާން އުޅޭ ކަމުގެ ވާހަކަތައް ދޭތެރެ ދޭތެރެއިން މީޑިއާގައި ދެކެވުނަސް އާރްޔަންގެ އެފަދަ ފިކުރެއް ހުރިކަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އާރްޔަންގެ ޝައުގުހުރީ ފިލްމު އުފެއްދުމަށް ކަމަށް ގަބޫލުކުރާ ކަމަށާއި އޭނާ ކިޔަވަމުންދަނީ ވެސް އެ ރޮނގުން ކަމަށް ޝާހްރުކް ބުންޏެވެ.