23 ޖެނުއަރީ 2017 - 13:56

ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ހިފައިގެން މ. މުލީގައި ހަ މީހަކު، ދޮޅު ލައްކައަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެންވަރަމެންޓް މިނިސްޓްރީން ބުނީ ހިމާޔަތްކޮށްފައިވާ އަށް ދޫންޏެއް ހިފައި، އެތަކެތި ބަންދުކޮށްގެން ގެންގުޅުނު ހަތަރު މީހަކު މިދިޔަ ބުރާސްފަތި ދުވަހު 96،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެ ރަށުގައި އިތުރު ދޫނިތަކެއް ގެންގުޅެގެން ދެ މީހަކު 60،500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ހިފައިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންމެ ފުރަތަމަ މީހަކު ޖޫރިމަނާ ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ރަތަފަ އާއި ކިރު އިލޮޅި އާއި ދުށިމެ އާއި ބަކަމޫނު ފަދަ ދޫނިތަކެއް ގެންގުޅެގެން ބ. ދޮންފަނު މީހާ ޖޫރިމަނާ ކުރީ ދެ ލައްކަ ރުފިޔާއިންނެވެ.
އޭރު އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ ދޫނި ހިފާ މީހުންނާ ދެކޮޅަށް ތަކުރާރުކޮށް ގިނަ އިންޒާރުތަކެއް ދިން ނަމަވެސް އެކަން ހުއްޓާ ނުލި ކަމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ މި ކުރީ ދޫނި ހިފުން އާދަޔާ ހިލާފަށް ގިނަ ވެފައިވާތީ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަން މީގެ ސަބަބުން، ދޫނި ހިފުން ހުއްޓުވޭނެ ކަމަށް،" ނައީމް އޭރު ވިދާޅުވެފައި ވެ އެވެ.