އެލައިޑުން ރޯދަ މެނޫތައް ފޯނަށް
އެލައިޑުން ރޯދަ މެނޫތައް ފޯނަށް

އެލައިޑް އިންޝުއަރެންސުން އީޓް.އެމްވީއާ ގުޅިގެން، އެކިއެކި ރެސްޓޯރަންޓުތަކުގެ ރޯދަ މެނޫތައް ބަލާލެވޭ އެޕްލިކޭޝަނެއް ތައާރަފް ކޮށްފި އެވެ.

"ރޯދަ މެނޫ"ގެ ނަމުގައި ތައާރަފް ކުރި މި އެޕްލިކޭޝަނަކީ އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތައް ގެންގުޅޭ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ އެޕްލިކޭޝަނެކެވެ. އަދި ގޫގުލް ޕްލޭ ސްޓޯރާއި އެޕް ސްޓޯރުން މިހާރު މި އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެ އެވެ.

މޫކާއި ހޮޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދް ޝަރީފް ވިދާޅުވީ މި އެޕްލިކޭޝަން މެދުވެރިކޮށް، ރެސްޓޯރަންޓުތަކުގެ މެނޫގައި ހިމެނޭ ކެއުންތަކާއި އަގުތައް އަދި ގުޅޭނެ ނަމްބަރު ބަލާލެވޭނެ ކަމަށެވެ، އަދި ނަމާދު ގަޑިތައް ބަލާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އެޕްލިކޭޝަނުގެ އެންމެ ހާއްސަ ފީޗާ އަކީ އެޕްލިކޭޝަން މެދުވެރިކޮށް، ކާލަން ބޭނުންވާ ޑިޝް ލިބެން ހުރީ ކޮންތާކުތޯ ބަލާލެވުން. އަދި ރޯދަ ވީއްލާ ގަޑިއަށް ކައުންޓްޑައުން ޓައިމަރެއް ވެސް އެޕްލިކޭޝަނުގައި ހިމެނޭނެ" ނިއުޝާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި އެޕްލިކޭޝަނަކީ ރެސްޓޯރަންޓުތަކުގެ މެނޫތައް ވަރަށް ފަސޭހައިން ބަލާލެވޭނެ އެޕްލިކޭޝަނެއް ކަމަށެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ގިނަ ބަޔަކަށް ކަމުދާނެ މައުލޫމާތުތަކެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ނިއުޝާދު ވިދާޅުވި އެވެ.